އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިހާރުވެސް ފެނަކައާ ގުޅުންހުރި 75 މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
އޭސީސީން މިއަދު ބުނެފައިވަނީ ފެނަކައާ ގުޅޭގޮތުން ތަހުގީގު ކުރަމުން ގެންދާ މައްސަލަތަކުގެ ތެރޭގައި ކުންފުނި ހިންގުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިނުމާ ގުޅޭ މައްސަލަތަކާއި، އުސޫލުތަކުގެ ބޭރުން އެކި މީހުންނަށް ވަޒީފާ ހަމަޖައްސާފައިވާ ކަމުގެ ތުހުމަތުތަކުގެ މައްސަލަތަކާއި، ކުންފުނީގެ ޕްރޮކިއުމަންޓު އުސޫލުތަކާ ޚިލާފުވުމުގެ މައްސަލަތަކާއި، ކުންފުނިން ފައިސާ ދޫކުރުމާ ގުޅޭގޮތުން އެކަށައަޅާފައިވާ އުސޫލުތަކާ ހިލާފަށް ފައިސާ ދޫކުރުމުގެ ތުހުމަތުތަކުގެ މައްސަލަތައް ހިމެނޭ ކަމަށެވެ.
ފެނަކައާ ގުޅޭ ގޮތުން އެކި މައްސަލަތައް ތަހުގީގު ކުރުމަށްފަހު، އެ މައްސަލަތަކާ ގުޅިގެން، އެ މައްސަލަތަކުގައި ހިމެނޭ ފައިސާގެ ތެރެއިން 20،504،491.54 (ވިހި މިލިޔަން ފައްސަތޭކަ ހަތަރު ހާސް ހަތަރު ސަތޭކަ ނުވަދިހަ އެއް ރުފިޔާ ފަންސާސް ހަތަރު ލާރި) އަނބުރާ ހޯދުމަށް ފެނަކައަށް އަންގާފައިވާކަމަށް ވެސް އޭސީސީން ބުނެފައިވެއެވެ.
އޭސީސީން ބުނެފައިވަނީ ފެނަކައާ ގުޅޭ އެކި މައްސަލަތަކުގައި 92 ކަމެއް އިސްލާހުކުރުމަށް މިހާތަނަށް އެ ކުންފުންޏަށް އަންގާފައިވާ ކަމަށެވެ. އެގޮތުން ކުންފުނި ހިންގުމާ ގުޅޭ ކަންކަން ކުރިއަށްގެންގޮސްފައިވާ ގޮތުގެ 48 ކަމެއް އިސްލާހުކުރުމަށާއި، ކުންފުނީގެ ސިޔާސަތުތަކާ ގުޅޭ 24 ކަމެއް އިސްލާހުކުރުމާއި، ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ކުންފުންޏަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމާ ގުޅޭ 6 ކަމަކާއި، ކުންފުނިން ބަލައި ތަހުޤީގުކުރުމަށް 6 ކަމެއް މިހާތަނަށް އޭސީސީން ވަނީ އެކުންފުންޏަށް އަންގާފައިވެއެވެ.
މީގެއިތުރުން އޭސީސީން ބުނެފައިވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ހިންގުމުގައި ކޮރަޕްޝަންގެ ހިރާސް ހުރި މިންވަރާއި، އެހިރާސްތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި، ތަޙުޤީގުކުރުމަށް ދިމާވާ ގޮންޖެހުންތައް ފާހަގަކޮށް ރިޕޯޓެއް އެކުލަވާލާ، އެރިޕޯޓް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި، ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.