ފާއިތުވި 24 ގަޑިއިރު ތެރޭގައި އިޒްރޭލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ ގާޒާ އިން 700 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި އެވެ.
ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނީ 24 ގަޑިއިރު ތެރޭގައި އިޒްރޭލުން ދިން ހަމަލާތަކުގައި ގާޒާ އިން 704 މީހަކު ޝަހީދުވެފައިވާ ކަމަށާއި އަދި ގިނަ ބަޔަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ.
އިޒްރޭލުން ވަނީ ފާއިތުވި 24 ގަޑިއިރު ތެރޭގައި ގާޒާގައި ހަމާސް ޖަމާއަތުގެ މީހުން ތިބި ކަމަށް ޝައްކު ކުރެވޭ 400 އަށް ވުރެ ގިނަ ތަނަކަށް ހަމަލާދީފައިވާ ކަމަށް ބުނެފަ އެވެ. އިޒްރޭލުން ހަމަލާދިން ތަންތަނުގެ ތެރޭގައި ރެފިއުޖީ ކޭމްޕުތަކާއި އާންމުން ދިރިއުޅޭ ގެތައް ވެސް ހިމެނެ އެވެ.
ގާޒާ އަށް ހަމަލާދިނުން އިޒްރޭލުން އިތުރުކޮށްފައިވާއިރު މި ހަމަލާތަކުގައި މިހާތަނަށް ގާޒާ އިން 5،791 މީހަކު ވަނީ ޝަހީދުވެފަ އެވެ. އޭގެތެރޭގައި 2،360 ކުޑަކުދިންނާއި ހިމެނެ އެވެ. އަދި ގިނަ އަދަދެއްގެ ބަޔަކަށް އަނިޔާވެފައިވާއިރު މިލިއަނެއްހާ މީހުން ވަނީ ގެދޮރު ދޫކޮށް ގޮސްފަ އެވެ.
މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނަށް ހަމަލާތައް ދޭން ފެށީ ހަމާސް ޖަމާއަތުން އިޒްރޭލަށް ކުއްލި ގޮތަކަށް ދިން ވައިގެ ހަމަލާތަކާ ގުޅިގެންނެވެ. ދެ ފަރާތުގެ މެދުގައި ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް އިޒްރޭލުގެ 1،500 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.