Last Updated: July 23, 13:59
Thursday, July 23, 2026
ޚަބަރު

އިސްވެރިން ނާޖާއިޒު ފައިދާއެއް ހޯދާކަށް ނޫޅޭ

ނާޖާއިޒު ފައިދާއެއް ހޯދަން ކުންފުނީގެ އިސްވެރިން ނޫޅޭ ކަމަށާއި ކުންފުނި ބަދުނާމު ނުކުރަން އެމްޓީސީސީން ގޮވާލައިފި އެވެ.

އެމްޓީސީސީން މިހެން ބުނެފައިމިވަނީ ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތުވާ 55 މިލިޔަން ޑޮލަރުގެ މަޝްރޫޢުއެއްގައި އެމްޓީސީސީން ސޮއިކުރަން އުޅޭ ކަމަށް ބުނެ މީޑިއާއަކުން ރިޕޯޓުކޮށްފައިވާ ހަބަރެއް ދޮގުކޮށް ނެރެފައިވާ ބަޔާނެއްގަ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ އެ މަޝްރޫޢުއަކީ ބައިނަލްއަޤުވާމީ ޕްރައިވެޓް އިންވެސްޓަރުން ރާއްޖެގައި ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ބޮޑެތި މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއުއަކަށް ވެފައ،ި ވިޔަފާރި ކުންފުންޏެއްގެ ހައިސިއްޔަތުން މި މަޝްރޫޢު ކާމިޔާބު ކުރުމަކީ މިވަގުތު ކުންފުނީގެ މުހިންމު އަމާޒެއް ކަމަށެވެ. އަދި މި މަޝްރޫޢުގެ ކްލައިންޓާއިއެކު މަޝްވަރާކުރަމުންދާ މިދަނޑިވަޅުގައި ކުންފުނީގެ ނަޒާހަތްތެރިކަމާއި މެދު ސުވާލު އުފެއްދުމުގެ މަޤުސަދުގައި މިފަދަ ހަޤީގަތާއި ޚިލާފު ދޮގު ޚަބަރު ފެތުރުމުގެ ސަބަބުން މި މަޝްރޫޢު ކުންފުންޏަށް ގެއްލިދާނެ ކަމުގެ ބިރު ވަރަށް ބޮޑު ކަމަށް އެމްޓީސީސީން ބުނެ އެވެ.

މީގެ އިތުރުން މިވަގުތު މަޝްވަރާކުރަމުންދާ މިފަދަ އެހެން މަޝްރޫޢުތަކާއި ކުރިއަށް ލިބޭނެ ކަމަށް ލަފާކޮށްފައިވާ މަޝްރޫޢުތަކަށްވެސް މިފަދަ ނޭދެވޭ އަމަލުތަކުގެ ސަބަބުން އެތައް ގެއްލުމެއް ކުރިމަތިވެ، ކުންފުނީގެ ޙިއްސާދާރުން ކަމަށްވާ ދިވެހި ސަރުކާރާއި އާންމު ޙިއްސާދާރުންނަށް ލިބޭނެކަމަށް ލަފާކުރި
ނަފާ ގެއްލުމުގެ ފުރުސަތުވެސް މިހާރު އިތުރުވެފައިވާ ކަމަށް އެމްޓީސީސީން ބުނެފައިވެ އެވެ.

އެމްޓީސީސީން ބުނީ ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް ވޭތުވެދިޔަ 4 އަހަރު ކުރެވުނު މަސައްކަތުގެ ތެރެއިން "ޕްރައިސިން ޕޮލިސީ" ގެ ނަމުގައ،ި ކުންފުނިން ކުރާ ވިޔަފާރީގައި ފައިދާގެ އިންސައްތަ ހިމަނާނެ މިންވަރު ބަޔާންކުރާ ޕޮލިސީއެއް އެކަށައަޅާފައި ކަމަށާއި އެގޮތުން، ކުންފުނިން ކުރިމަތިލާ ކޮންމެ ވިޔަފާރި މުޢާމަލާތެއްގައި އިސްވެ ދެންނެވުނު ޕޮލިސީގައި ބަޔާންކޮށްފައިވާ ފައިދާގެ މިންވަރަށް ވުރެން ދައްކޮށް މަޝްރޫޢުއެއް ކުރިއަށްގެންދަން ކުންފުނީގެ މެނޭޖްމަންޓުން ބޭނުންވާނަމަ އެކަން ކުރިއަށްގެންދަން ކަޑައްތުކުރަންޖެހޭ މަރުހަލާތައް ވެސް އެ ޕޮލިސީގައި ބަޔާންކޮށްފައިވާނެ ކަމަށެވެ.

އެގޮތުން ވަކި އިންސައްތައަކަށްވުރެން ވިޔަފާރީގެ މުޢާމަލާތުގެ ފައިދާ ކުޑަކަމުގައި ވަނީނަމަވެސ،ް ޖުމުލަކޮށް ކުންފުނީގެ ވިޔަފާރި ފުޅާކުރުމަށް އޮތް ފުރުސަތު އިތުރުވާނެ ނުވަތަ ކުންފުނީގެ ވަނަވަރަށް އިންޤިލާބީ ބޮޑު ބަދަލެއް ގެނުވާނެ މަޝްރޫޢުއެއް ނުވަތަ މުޢާމަލާތެއްކަމުގައިވާނަމ،ަ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ އިޒުނައާއިއެކު ކުރިއަށް ދިއުމަށް އިސްވެ ދެންނެވުނު ޕޮލިސީ ހުރަސް ނާޅާ ކަމަށް އެމްޓީސީސީން ބުނެ އެވެ.

އެމްޓީސީސީން ވަނީ ރައްޔިތުންގެ ހިތުގައި ކުންފުންޏަށާއ،ި ކުންފުނީގެ މެނޭޖްމަންޓަށް ލިބިފައިވާ އިތުބާރާއ،ި ލޯބި ފަނޑުކޮށްލުމަށް ގަސްތުގައި ކޮށްފައިވާ ނާތަހުޒީބު މިޢަމަލުގެ ސަބަބުން ކުންފުންޏަނާއި އަދި ޖުމުލަކޮށް ރާއްޖޭގެ އިޤުތިސާދައް ވެސް އިޔާދަނުކުރެވޭނެ ފަދަ ބޮޑު ގެއްލުމަކާއި ކުރިމަތިލާންޖެހިދާނެ ކަމަށް ދެކޭ ކަމަށްވެސް ބުނެފައިވެ އެވެ.

މީގެ އިތުރުން މި މަޝްރޫޢު ކުރިއަށް ގެންދަން ނިންމާފައިވަނީ ކުންފުނީގެ އިސްވެރިންތަކަކަށް ނާޖާއިޒު ފައިދާއެއް ހޯދުމުގެ ބޭނުމުގައި ކަމަށް ބަޔާންކޮށް
ލިޔެފައިވާ ޙަބަރުވެސް އެމްޓީސީސީން ވަނީ ކުށްވެރިކޮށްފަ އެވެ.