Last Updated: July 17, 18:07
Saturday, July 18, 2026
ދުނިޔެ

ގާޒާގެ 12 ހޮސްޕިޓަލެއް ހުއްޓުމަކަށް

އިޒްރޭލުން ދެމުންދާ ހަމަލާތަކާ ގުޅިގެން ފަލަސްތީނުގެ ގާޒާގެ 12 ހޮސްޕިޓަލެއްގެ ހިދުމަތް ހުއްޓުމަކަށް އަތުވެއްޖެ އެވެ.

ފަލަސްތީނުގެ ހެލްތު މިނިސްޓަރު ޑރ. މައި އަލް ކައިލާ ވިދާޅުވީ އިޒްރޭލުގެ ހަމަލާތަކާ ގުޅިގެން އަދި ތެޔޮ ނެތުމާ ގުޅިގެން ގާޒާގެ 12 ހޮސްޕިޓަލެއް މިވަގުތު ހުއްޓުމަކަށް އައިސްފައިވާ ކަމަށާއި ބާކީ ހުރި ހޮސްޕިޓަލުތައް ފުރިބާރު ވެފައި ވުމުން އެ ހޮސްޕިޓަލުތަކުގައި އިތުރަށް ބަލި މީހުން އެޑްމިޓް ކުރުން ހުއްޓާލާފައިވާ ކަމަށެވެ.

ގާޒާގެ ސިއްހީ ނިޒާމު އިންތިހާއަށް ބަލިކަށިވެފައިވާއިރު މީގެ ސަބަބުން ކެންސަރު އަދި ޑަޔަލިސިސް ހަދާ މީހުންނަށް ފަރުވާ ދެވޭނެ ގޮތެއް ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ޑޮކްޓަރުންނާއި ނަރުހުން ހިމެނޭ ގޮތަށް ސިއްހީ މަސައްކަތުގައި އުޅުނު 65 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ހާމަކުރެ އެވެ.

ގާޒާ އަށް ބޭނުންވާ އަސާސީ އެހީތެރިކަން ފޯރުކޮށްދިނުމަށް މިސްރުން ކޮންޓްރޯލް ކުރާ ރަފާހް ބޯޑަރު ވަގުތީ ގޮތުން ހުޅުވާލާފައިވާއިރު އެހީގެ ތަކެތި ގާޒާ އަށް ގެންދިޔުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އެހީގެ ތަކެތީގެ ތެރޭގައި ސިއްހީ ސާމާނު ވެސް ހިމެނޭއިރު އިޒްރޭލުން ހުއްޓުމެއް ނެތި ދެމުންދާ ހަމަލާތަކާ ގުޅިގެން އެހީގެ ތަކެތި އެންމެ ބޭނުންވާ ތަންތަނަށް ފޯރުކޮށްދިނުމުގައި އުނދަގޫތަކެއް ވަނީ ކުރިމަތިވެފަ އެވެ.

އިޒްރޭލާއި ހަމާސް ޖަމާއަތުން ކުރަމުންދާ ހަނގުރާމަ ހުއްޓާލަން ދުނިޔޭގެ ގިނަ ގައުމުތަކަކުން ގޮވާލަމުންދާއިރު އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލާތައް ފާއިތުވި ދުވަސްތަކުގައި ވަނީ އިތުރަށް ވަރުގަދަކޮށްފަ އެވެ.