މި ވަގުތު އެއްވެސް އާ ފިލްމަކަށް ސޮއިނުކުރާ ކަމަށް ބޮލީވުޑްގެ ތަރި ރަންބީރް ކަޕޫރް ބުނެފި އެވެ.
މަޝްހޫރު ބަތަލާ އާލިއާ ބަޓްގެ ފިރިމީހާ ޒޫމް ޓީވީ އަށް ދިން އިންޓަވިއުއެއްގައި ބުނީ ވަރަށް ގިނަ ސްކްރިޕްޓްތަކެއް މިހާރު ކިޔަމުން އަންނަ ކަމަށެވެ. އަދި މި މަސް ނިމުމުގެ ކުރިން، ކުރީގެ މިއުޒިކް ލެޖެންޑް ކިޝޯރު ކުމާރުގެ ބައޮގްރަފިކަލް ޑްރާމާގެ ސްކްރިޕްޓް ޑައިރެކްޓަރު އަނޫރާގް ބާސޫ ނެރޭޓްކޮށް ދޭނެ ކަމަށް ބުންޏެވެ.
މި ފިލްމަކީ ރަންބީރާ އެކީ އަނޫރާގް ހަދަން ކިޔާތާ ގިނަ ދުވަސްތަކެއްވެފައިވާ އެއްޗެކެވެ. އެ ދެ މީހުން އެކީގައި ކުރިން "ޖައްގާ ޖާސޫސް" އާއި "ބަރުފީ" ގައި މަސައްކަތްކޮށްފައިވެ އެވެ. އަނޫރާގް މިހާރު "މެޓްރޯ: އިން ދި ނޯ" ގެ މަސައްކަތްކުރަމުން އަންނަ އިރު، އެ ނިންމައިލުމަށް ފަހު ކާތިކް އާރިއަނާ އެކީ "އާޝިގީ 3" ހަދަން ހަމަޖެހިފައިވެ އެވެ.
ޑައިރެކްޓަރު ނިތޭޝް ތިވާރީގެ ޓްރިލޮޖީ "ރާމާޔާން" އަށް ރަންބީރް ސޮއިކޮށްފައިވާ ކަމަށް ބުނާތީ އެކަމާ ބެހޭ ގޮތުން ސުވާލު ކުރުމުން އޭނަ ވަނީ އެކަމާ ސީދާ ވަކި ޖަވާބެއް ދޭން އިންކާރުކޮށްފަ އެވެ. އަދި ބުނީ "ޕްރޮޖެކްޓްތަކަށް ވާހަކަ ދެކެވެމުން އަންނަ" ކަމަށެވެ.
"އެހެންވީމަ މި ވަގުތަކު އަހަރެން އާ އެއްވެސް ފިލްމަކަށް ސޮއެއް ނުކުރަން." ކުރީގެ މަޝްހޫރު އެކްޓަރު، ރިޝީ ކަޕޫރްގެ ދަރިފުޅު ބުންޏެވެ.
ރަންބީރްގެ ކުރިއަށް އޮތް ފިލްމަކީ ޑިސެމްބަރު 1 ގައި ގެނެސްދޭ "އެނިމަލް" އެވެ. ކާސްޓްގައި ރަޝްމިކާ މަންދަނާ އާއި އަނިލް ކަޕޫރާއި ބޮބީ ޑިއޯލް ވެސް ހިމެނޭ މި ފިލްމަކީ "ކަބީރް ސިންގް" ގެނެސްދިން ސަންދީޕް ރެޑީ ވަންގާގެ ފިލްމެކެވެ.
ރަންބީރްގެ އެންމެ ފަހުގެ ފިލްމަކީ މާޗްގައި ރިލީޒްކުރި "ތޫ ޖޫޓީ، މޭ މައްކާރް" އެވެ.