މާރީމާރީ ހިންގިކަމުގެ ތުހުމަތުގައި ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހުމަދު އަޝްރަފް (ޝުމްބާ ގޮންގް) ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ކެނެރީމަގުގައި މާރާމާރީއެއް ހިންގާކަމަށް ރޭ ލިބުނު ރިޕޯޓަކާ ގުޅިގެން މީހަކު ހައްޔަރުކޮށް، އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
ކުރީގެ ނައިބު އަހުމަދު އަދީބު ނިސްބަތްވާ މޯލްޑިވްސް ތާޑް ވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ގެ ކައުންސިލް މެމްބަރު އަދި ޝުމްބާ ވަކީލު މުހައްމަދު ހަލީމް ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ޝުމްބާ ހައްޔަރުކުރީ ބަޔަކު އެއްވެގެން އުޅޭތީ އެކަން ކަވަރުކުރަން ގޮސް ހުއްޓައި ކަމަށާއި އޭނަ މާރާމާރީއެއް ވެސް ނުހިންގާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ޝުމްބާ މާރާމާރީގެ ތުހުމަތުގައި ހައްޔަރުކުރީ ކުޑަ އަންހެން ކުދިންތަކެއްގެ ކޮޓަރީގައި ސިއްރުން ކެމެރާ ހަރުކޮށް ވީޑިއޯ ރެކޯޑްކުރާ ކަމަށް ތުހުމަތުކޮށް ސިފައިންގެ މީހެއްގެ ފޮޓޯ ސޯޝަލް މީޑިއާގައި އާންމުކޮށް، އެ މީހާ ހިފަހައްޓައި ގައިގައި ދެލި އުނގުޅައި އަނިޔާކުރި ކަމަށް ބުނާ މައްސަލައިގަ އެވެ.
ނަމަވެސް މިކަމާ ބެހޭ ގޮތުން ފުލުހުން ވަކި އެއްޗެއް ނުބުނެ އެވެ.