ޑިސެމްބަރު ގެނެސްދޭން ހަމަޖެހިފައިވާ ޝާހްރުކް ޚާންގެ ފިލްމު "ޑަންކީ" ގެ ޓީޒާ އަންނަ މަހު ރިލީޒްކުރާ ސަލްމާން ޚާންގެ "ޓައިގާ 3" އާ އެކީ ސިނަމާތަކުގައި އާންމުކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ސަލްމާނާއި ކެޓްރީނާ ކައިފާ އެކީ މަނީޝް ޑައިރެކްޓްކޮށްފައިވާ ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 12 ގަ އެވެ. ސޯޝަލް ކޮމެޑީއެއްގެ ގޮތުގައި ގެނެސްދޭ "ޑަންކީ" އަކީ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީއާ އެކީ ޝާހްރުކް މަސައްކަތްކުރި ފުރަތަމަ ފިލްމު އަދި މި އަހަރު ގެނެސްދޭ އޭނަގެ ތިން ވަނަ ފިލްމެވެ.
މި ފިލްމުގެ ޓީޒާ ސަލްމާންގެ ފިލްމާ އެކީ ދޫކޮށްލާ ގޮތަށް އޮތް އިރު، ފާހަގަކޮށްލެވޭ ކަމަކީ "ޓައިގާ 3" ގެ ހާއްސަ ރޯލަކުން ޝާހްރުކް ވެސް ފެންނާނެކަމެވެ. އެއީ ޖެނުއަރީގައި ރިލީޒްކުރި ޝާހްރުކްގެ "ޕަތާން" ގައި ސަލްމާން ހިމެނުނު ގޮތަށެވެ. މި ދެ ފިލްމަކީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ސްޕައި ޔުނިވާސް އަށް ނިސްބަތްވާ ފިލްމުތަކެވެ.
"ޑަންކީ" ރިލީޒްކުރަން ހަމަޖެހިފައި ވަނީ ޑިސެމްބަރު 21 ގަ އެވެ. އެކަމަކު ފިލްމުގެ ޕްރޮމޯޝަނަލް އެއްވެސް ހަރަކާތެއް އަދިއެއް ނުފަށަ އެވެ. ޝާހްރުކްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހުގައި 7 ގައި ރިލީޒްކޮށް، ބޮކްސް އޮފީހުގައި ރެކޯޑްތަކެއް ހެދި "ޖަވާން" އެވެ.