އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން އިޒްރޭލަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅު ތުރުކީގެ ރައީސް ތައްޔިބް އުރުދުގާން ކެންސަލް ކުރައްވައިފި އެވެ.
އުރުދުގާން ނިސްބަތްވެވަޑައިގަންނަވާ ޕާޓީގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާއެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން އުރުދުގާން ވިދާޅުވީ އިޒްރޭލުން ފަލަސްތީނަށް ހަމަލާތައް ދޭން ފެށުމުގެ ކުރިން އިޒްރޭލަށް ދަތުރުފުޅެއް ކުރެއްވުމަށް ނިންމެވި ކަމަށާއި ނަމަވެސް މިހާރު އެ ދަތުރުފުޅު ކެންސަލް ކުރައްވާފައިވާ ކަމަށެވެ.
ތުރުކީން ހެޔޮ ނިޔަތާއެކު ކުރަމުންދާ ކަންކަމުގެ ފައިދާ އިޒްރޭލުން ނަގަމުންދާ ކަމަށާއި އެގައުމުން ހިންގާ ލާއިންސާނީ ޖަރީމާތަކަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަންތައްތަކެއް ނޫން ކަމަށްވެސް އުރުދުގާން ވިދާޅުވި އެވެ.
މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނަށް ހަމަލާތައް ދޭން ފެށީ ހަމާސް ޖަމާއަތުން އިޒްރޭލަށް ކުއްލި ގޮތަކަށް ދިން ވައިގެ ހަމަލާތަކާ ގުޅިގެންނެވެ. ދެ ފަރާތުގެ މެދުގައި ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް ފަލަސްތީނުގެ 6،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު މިލިއަނަކަށް ވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ދާން ޖެހިފަ އެވެ.
ގާޒާ އަށް ބޭނުންވާ އަސާސީ އެހީތެރިކަން ފޯރުކޮށްދިނުމަށް މިސްރުން ކޮންޓްރޯލް ކުރާ ރަފާހް ބޯޑަރު ވަގުތީ ގޮތުން ހުޅުވާލާފައިވާއިރު އެހީގެ ތަކެތި ގާޒާ އަށް ގެންދިޔުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އެހީގެ ތަކެތީގެ ތެރޭގައި ސިއްހީ ސާމާނު ވެސް ހިމެނޭއިރު އިޒްރޭލުން ހުއްޓުމެއް ނެތި ދެމުންދާ ހަމަލާތަކާ ގުޅިގެން އެހީގެ ތަކެތި އެންމެ ބޭނުންވާ ތަންތަނަށް ފޯރުކޮށްދިނުމުގައި އުނދަގޫތަކެއް ވަނީ ކުރިމަތިވެފަ އެވެ.
އިޒްރޭލާއި ހަމާސް ޖަމާއަތުން ކުރަމުންދާ ހަނގުރާމަ ހުއްޓާލަން ދުނިޔޭގެ ގިނަ ގައުމުތަކަކުން ގޮވާލަމުންދާއިރު އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލާތައް ފާއިތުވި ދުވަސްތަކުގައި ވަނީ އިތުރަށް ވަރުގަދަކޮށްފަ އެވެ.