ޑާކް ރެއިން އެންޓަޓައިންމަންޓުން ޑިސެމްބަރު މަހު ގެނެސްދޭން ނިންމާފައިވާ ފިލްމު "ނޮވެމްބާ" ގެ ލަވަތަކުގެ ތެރޭގައި ހިމެނޭ "ލަފުޒު" ގެ އޯޑިއޯ މިއަދު އާންމުންނަށް ދޫކޮށްލައިފި އެވެ.
އަޑު އަހައިލަން ފަސޭހަ "ލަފުޒު" އަކީ ހުސައިން ތައުފީގުގެ މިއުޒިކަށް ޝައްމޫން މުހައްމަދު މެލޮޑީ އާއި ލިރިކްސް ހަދައި ކިޔާފައިވާ ލަވައެކެވެ. އިކްއޭޓިކް ވައިބް ބޭންޑްގެ ލީޑް ވޯކަލިސްޓްގެ ގޮތުގައި ފާހަގަކޮށްލެވޭ ޝައްމޫނަކީ ކުރިން ވެސް ޑާކް ރެއިންގެ ބައެއް ފިލްމުތަކަށް ރީތި ލަވަތަކެއް ކިޔާފައިވާ ފަންނާނެކެވެ.
"ނޮވެމްބާ" އަކީ މަރިޔަމް މަޖުދާ (މަޖޫ) އާއި ޖުމައްޔިލް ނިމާލު (ޖުމަލް) ލީޑް ރޯލު ކުޅެފައިވާ "ނޮވެމްބާ" އަކީ އަސަރު ގަދަ ލޯބީގެ ފިލްމެކެވެ. ޑިސެމްބަރު މަހުގެ 4 ގައި ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައިވާ މި ފިލްމަކީ އައިޝަތު ފުއާދާއި އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ.
ކުރީގެ މަޝްހޫރު އެކްޓަރު އިސްމާއީލް ވަޖީހު ވެސް ހިމެނޭ ގޮތަށް ބޮޑު ކާސްޓެއް ފެންނާނެ ފިލްމުގެ މަންޒަރުތައް ސިންގަޕޫރާއި އައްޑު އާއި ލ. އަތޮޅުގެ އިތުރުން ބައެއް އެހެން ހިސާބުތަކުގައި ވެސް ނަގާފައިވެ އެވެ.
ފިލްމަށް ގާތްގަނޑަކަށް 1.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. "ނޮވެމްބާ" އަކީ ޑާކް ރެއިންގެ އެންމެ އަގުބޮޑު ފިލްމެވެ.