އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުން ޝަހީދުވި މީހުންގެ އަދަދު ގަބޫލުކުރަން އެމެރިކާގެ ރައީސް ޖޯ ބައިޑެން ދެކޮޅު ހައްދަވައިފި އެވެ.
މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނުގެ ގާޒާ އާއި އެކި ސަރަހައްދުތަކަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ވަނީ 6،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފަ އެވެ. މީގެތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ބައިޑެން ވިދާޅުވީ މި ހަނގުރާމައިގައި ފަލަސްތީނުން ކުށެއް ނެތް މީހުންތަކެއް މަރުވެފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށާއި ނަމަވެސް މަރުވި މީހުންގެ އަދަދާއި ގުޅޭގޮތުން ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ހާމަކުރާ އަދަދާއި މެދު އިތުބާރެއް ނެތް ކަމަށެވެ. އަދި އިޒްރޭލުން ވެސް ހަމާސް ޖަމާއަތާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ސަމާލުކަންދޭންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށް ބައިޑެން ވިދާޅުވި އެވެ.
ބައިޑެން މިހެން ވިދާޅުވި އިރު ފަލަސްތީނުގެ ހެލްތު މިނިސްޓްރީން އާންމުކުރާ ތަފާސް ހިސާބުތަކަށް ދުނިޔޭގެ ބޮޑެތި މީޑިއާތަކުންނާއި އ.ދ އަދި ބައެއް އިންސާނީ ހައްގުތަކާ ގުޅޭ ގްރޫޕްތަކުން އަބަދުވެސް އަންނަނީ ބަރޯސާވަމުންނެވެ. އޭގެ އެންމެ ބޮޑު އެއް ސަބަބަކީ އިޒްރޭލުން ގާޒާ އަށް މީގެކުރިން ދީފައިވާ ހަމަލާތަކުގައި ވެސް އެ މިނިސްޓްރީން ހާމަކޮށްފައިވާ އަދަދުތައް ރަނގަޅަށް ހުރުމެވެ.
ފަލަސްތީނުން ޝަހީދުވި މީހުންގެ އަދަދު ގަބޫލުކުރަން ބައިޑެން ދެކޮޅު ހައްދަވާފައިވާއިރު އެމެރިކާގެ އިސްވެރިން މީގެކުރިން ވަނީ މިއީ ހަނގުރާމަ ހުއްޓާލަންވީ ވަގުތެއް ނޫން ކަމަށްވެސް ވިދާޅުވެފަ އެވެ. އެގޮތުން މިވަގުތު ހަނގުރާމަ ހުއްޓާލައިފިނަމަ އޭގެ ފައިދާވާނީ ހަމާސް ޖަމާއަތަށް ކަމަށް އެމެރިކާ އިން ގަބޫލުކުރެ އެވެ.