އެއްގަމު މަގުން ގާޒާ އަށް އެރުމަށް އިޒްރޭލު ސިފައިން ތައްޔާރުވަމުންދާ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.
އިއްޔެ ގައުމާ މުހާތަބު ކުރައްވަމުން ނަތަންޔާހޫ ވިދާޅުވީ އިޒްރޭލު ސިފައިން މިހާރު ތައްޔާރުވަނީ އެއްގަމު މަގުން ގާޒާ އަށް އެރުމަށް ކަމަށާއި ނަމަވެސް އެކަން ކުރިއަށް ގެންދާނެ ގޮތާއި ގުޅޭ އެއްވެސް މައުލޫމާތެއް އަދި އެކަން ކުރާނީ ކޮން އިރަކު ކަމެއް ހާމަކުރަން ބޭނުން ނުވާ ކަމަށެވެ. އަދި މިހާރު ވެސް ގިނަ އަދަދަކަށް ޓެރަރިސްޓުން މަރާލެވިފައިވާ ކަމަށާއި މިއީ އަދި ފެށުމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ނަތަންޔާހޫ ވަނީ އިޒްރޭލުގެ މައިގަނޑު އޮތީ ދެ އަމާޒެއް ކަމަށާއި އެއީ ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތް އެއްކޮށް ފުނޑުފުނޑުކޮށްލައި އެ ޖަމާއަތުން ރަހީނުކޮށްފައިވާ އިޒްރޭލު ރައްޔިތުން ސަލާމަތް ކުރުން ކަމަށް ވިދާޅުވެފަ އެވެ.
މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނަށް ހަމަލާތައް ދޭން ފެށީ ހަމާސް ޖަމާއަތުން އިޒްރޭލަށް ކުއްލި ގޮތަކަށް ދިން ވައިގެ ހަމަލާތަކާ ގުޅިގެންނެވެ. ދެ ފަރާތުގެ މެދުގައި ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް ފަލަސްތީނުގެ 6،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު މިލިއަނަކަށް ވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ދާން ޖެހިފަ އެވެ.
އިޒްރޭލާއި ހަމާސް ޖަމާއަތުން ކުރަމުންދާ ހަނގުރާމަ ހުއްޓާލަން ދުނިޔޭގެ ގިނަ ގައުމުތަކަކުން ގޮވާލަމުންދާއިރު އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލާތައް ފާއިތުވި ދުވަސްތަކުގައި ވަނީ އިތުރަށް ވަރުގަދަކޮށްފަ އެވެ.