އަންހެނުން އަދި މަޝްހޫރު ބަތަލާ ދީޕިކާ ޕަދްކޯން ގާތުން އިންނަން އެހީ ރާއްޖެ އަށް ކުރި ޗުއްޓީ ދަތުރެއްގައި ކަމަށް އެކްޓަރު ރަންވީރު ސިންގް ބުނެފި އެވެ.
ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ރޭ ދަންވަރު ޕްރީމިއާކުރި ކަރަން ޖޯހަރުގެ ޗެޓް ޝޯ "ކޮފީ ވިތު ކަރަން" ސީޒަން 8 ގެ ފުރަތަމަ އެޕިސޯޑްގެ މެހުމާނުންގެ ގޮތުގައި ރަންވީރާ ދީޕިކާ ބައިވެރިވެ ވަރަށް ގިނަ ވާހަކަތައް ހިއްސާކުރި އެވެ. އެގޮތުން އެ ދެ މީހުންގެ ލޯބީގެ ގުޅުން ފެށުނު ގޮތާއި އެ ގުޅުން ކައިވެންޏަކާ ހަމައަށް ދިޔަ ގޮތް ޖިޔައި ދީފައިވެ އެވެ.
ރަންބީރާއި ދީޕިކާ ކައިވެނިކުރީ 2018 ގައި އިޓަލީގެ ލޭކް ކޯމޯގަ އެވެ.
މި ދެ ތަރިން ރައްޓެހިވީ އެކީގައި ކުޅުނު ފުރަަމަ ފިލްމު 2013 ގެ "ރާމް-ލީލާ" ގެ ސެޓުންނެވެ. ރަންވީރު ބުނި ގޮތުގައި އެ ފިލްމުގެ ސެޓުން ދިމާވެ، އުފެދުނު ގުޅުން ވަރަށް ބާރަށް ދިޔައީ ބަދަހިވަމުންނެވެ. އެކަމަކު ދެ މީހުން ވެސް އުޅުނީ އެކަން ވަރަށް ބޮޑަށް ސިއްރުކޮށްގެން ކަމަށް ބުންޏެވެ.
"އެ ދުވަސްވަރު މަސައްކަތުން ބްރޭކެއް ނަގައިގެން އަހަރެމެން ރާއްޖެ އަށް ޗުއްޓީއަކަށް ދިޔައިން. އެ ދަތުރަށް އަހަރެން ދިޔައީ ދީޕިކާ އަށް ޕްރޮޕޯސްކުރަން އަނގޮޓި ވެސް ހިފައިގެން. އެކަމެއް ނޭނގޭނޭ ދީޕިކާއަކަށް." ރަންވީރު ބުންޏެވެ.
އޭނަ ބުނި ގޮތުގައި ދީޕިކާ އަށް ޕްރޮޕޯސްކުރީ ޗުއްޓީ ހޭދަކުރަން ގޮސް ތިބި ރިސޯޓުން އެ މީހުން ގެންދިޔަ ފިނޮޅެއްގަ އެވެ. އަދި އެތަނުގައި ދީޕިކާ އަށް ޕްރޮޕޯސްކުރި ހިނދުކޮޅު ރަންވީރު ސިފަކުރީ "ސޭންޑްބޭންކް އެޑްވެންޗާއެއް" ގެ ގޮތުގަ އެވެ.
"އެތަނުގައި ތިބީ އަހަރެމެން ދެ މީހުން އެކަނި. އެއީ ވަރަށް އުފާވެރި، ހިތްގައިމު ވަގުތުކޮޅެއް،" ރަންވީރު ބުންޏެވެ. "އެންމެ އުފާވި ކަމަކީ ޕްރޮޕޯސްކުރީމަ ދީޕިކާ ވަގުތުން އާނއެކޭ ބުނީމަ."
އޭނަ ބުނީ ޕްރޮޕޯސްކުރިތާ މާ ގިނަ ދުވަސްތަކެއް ނުވެ، ދެ މީހުން ރަސްމީކޮށް އެންގޭޖް ވެސް ވު ކަމަށެވެ. އެކަމަކު އެކަން ވެސް އެއްވެސް ބަޔަކަށް ނޭނގޭނެ ކަމަށް ބުންޏެވެ.
ޑައިރެކްޓަރު ސަންޖޭ ބަންސާލީގެ "ރާމް-ލީލާ" އިން އުފެދުނު ލޯތްބާ އެކީ، އޭނަގެ އިތުރު ދެ ފިލެމެއް ވެސް ރަންވީރާއި ދީޕިކާ ކުޅުނެވެ. އެއީ 2015 ގެ "ބަޖިރާއޯ މަސްތާނީ" އާއި 2018 ގެ "ޕަދުމާވަތު" އެވެ. ކައިވެންޏަށް ފަހު ދެ ތަރިން އެކީގައި ފެނުނު ފިލްމަކީ ޑައިރެކްޓަރު ކަބީރް ޚާންގެ 2021 ގެ "83" އެވެ.