ރިތިކް ރޯޝަނާއި މަޝްހޫރު ތެލެގޫ އެކްޓަރު އެންޓީއާރް ޖޫނިއާ މައިގަނޑު ރޯލުތައް ކުޅެން ހަމަޖެހިފައިވާ ފިލްމު "ވޯ 2" ގެ ޝޫޓިން ޝެޑިއުލްއެއް އެ މީހުންނާ ނުލައި ސްޕެއިންގައި ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނީ 12 ދުވަހަށް ދެމިގެން ދިޔަ އެ ޝެޑިއުލް ކުރިއަށް ގެންދިޔައީ ރިތިކާއި އެންޓީއާރްގެ ސްޓަންޓް ޑަބަލްތަކެއް ބޭނުންކޮށްގެން ކަމަށާއި ވަރުގަދަ އެކްޝަން މަންޒަރުތަކެއް ޝޫޓްކޮށްފައިވާ ކަމަށެވެ. ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ސްޕައި ޔުނިވާސް އަށް ނިސްބަތްވާ "ވޯ 2" އަކީ އެ ސްޓޫޑިއޯގެ 2019 ގެ "ވޯ" ގެ ސީކްއެލް އެވެ.
ސިދާތު އާނަންދު ޑައިރެކްޓްކުރި ފިލްމުގައި ރިތިކާ އެކީ ޓައިގާ ޝްރޮފް ވަރުގަދަ ރޯލެއް ކުޅުނު ނަމަވެސް ސީކްއެލް ބިނާކޮށްފައި އޮތީ ރިތިކާ އެންޓީއާރްގެ ވަރުގަދަ ކުރިމަތިލުންތަކަށެވެ. އަދި މި ފިލްމުގެ ޑައިރެކްޓަރަކީ މިދިޔަ އަހަރު ރަންބީރް ކަޕޫރާއި އާލިއާ ބަޓްގެ "ބުރައްމަސްތުރާ" ގެނެސްދިން އަޔާން މުކަރްޖީ އެވެ. "ވޯ 2" އަކީ އޭނަ ވައިއާރްއެފަށް ޑައިރެކްޓްކުރާ ފުރަތަމަ ފިލްމެވެ.
ހަންގާމާ އިން ބުނީ ސްޕެއިންގެ ޝެޑިއުލް ރިތިކާއި އެންޓީއާރްގެ ސްޓަންޓް ޑަބަލް ބޭނުންކޮށްގެން ޝޫޓްކޮށްފައިވާ އިރު، އިތުރު ޝެޑިއުލްއެއް ހަމަ އެގޮތަށް އެހެން ލޮކޭޝަނެއްގައި ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އެ ނޫހުން ބުނި ގޮތުގައި ދެ ތަރިން ފިލްމުގެ ޝޫޓިން އަށް ރަސްމީކޮށް ނުކުންނާނީ ޑިސެންބަރު މަހުގެ ތެރޭގަ އެވެ.
ރިތިކް މިހާރު އަންނަނީ އަންނަ އަހަރުގެ ޖެނުއަރީ 25 އަށް ތާވަލުކޮށްފައި އޮތް އޭރިއަލް-އެކްޝަން ތުރިލާ "ފައިޓާ" ގެ މަސައްކަތްކުރަމުންނެވެ. މިދިޔަ އަހަރުގެ "އާރްއާރްއާރް" ގައި ކާސްޓްގައި ހިމެނުނު އެންޓީއާރްގެ ކުރިއަށް އޮތް ފިލްމަކީ އަންނަ އަހަރުގެ އެޕްރީލް 5 އަށް ތާވަލުކޮށްފައި އޮތް އެކްޝަން-ޑްރާމާ "ދެވާރާ: ޕާޓް 1" އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޖެނުއަރީ 25، 2025 ގައި ސިނަމާތަކަށް ގެންނަ "ވޯ 2" ގެ ބަތަލާ އަކީ ކިއާރާ އަދުވާނީ އެވެ.