ދަ ޑިމޮކްރެޓްސް ޕާޓީގެ މެންބަޝިޕް އިތުރުކުރުމުގެ ކެމްޕޭން ހަރަކާތެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
އެގޮތުން ޑިމޮކްރެޓްސްގެ މެންބަޝިޕް އިތުރުކުރުމުގެ ކެމްޕޭން ހަރަކާތް، މިއަދު ހަވީރު 4:00 ގައި އެ ޕާޓީގެ ހަރުގޭގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ޑިމޮކްރެޓްސްގެ މެމްބަރޝިޕް ޑްރައިވް ހަރަކާތް އިފްތިތާހު ކުރުން މިއަދު ހަވީރު 4:00 ގައި ޕާޓީ ހަރުގޭގައި؛
ކޮންމެ މެންބަރަކު ޕާޓީއަށް ސޮއިކުރައްވާނެ އިތުރު ބޭފުޅަކާއެކު މިހަފްލާއަށް ވަޑައިގެން ދެއްވުން އެދެން.#WeTheDemocrats https://t.co/ftkLBoOsAK
— The Democrats (@TheDemocratsMV) October 26, 2023
އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުން ދައްކާގޮތުން 07 އޮގަސްޓްގެ ނިޔަލަށް ޑިމޮކްރެޓްސްގައި ތިބީ 3،280 މެންބަރުންނެވެ. އެހެންނަމަވެސް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެޕާޓީގެ ކެންޑިޑޭޓަށް ވަނީ 15،839 ވޯޓު ލިބިފައެވެ.
ދަ ޑިމޮކްރެޓްސް އަކީ ރައީސް ނަޝީދަށް ތާއިދު ކުރައްވާ ފަރާތްތަކުން އުފައްދަވާފައިވާ ސިޔާސީ ޕާޓީއެކެވެ. ދަ ޑިމޮކްރެޓްސް އުފެއްދުމުގެ މަސައްކަތް ކުރުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވަނީ 2023 މެއި 24 ވަނަ ދުވަހުއެވެ. ހަފްތާއެއްގެ ތެރޭގައި ޕާޓީ އުފެއްދުމަށް ބޭނުންވާ އަދަދަށް ސޮއި ހަމަކޮށް ޖޫން 1 ގައި 3،560 ފޯމު އެ ޕާޓީން އީސީއަށް ހުށަހަޅާފައިވެއެވެ. އެ ޕާޓީ ރަޖިސްޓްރީ ކުރުމަށް ޖަލްސާ ބާއްވާފައިވަނީ 5 ޖުލައި ގައެވެ. އަދި އެޕާޓީ ރަޖިސްޓްރީ ކޮށްދީފައިވަނީ ޖުލައި 12 ވަނަ ދުވަހުއެވެ.