Last Updated: August 11, 13:51
Monday, August 11, 2025
ޚަބަރު

އެމްޑީޕީން ދައްކަނީ ނާތަހުޒީބު ވާހަކަތަކެއް

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރުމާއި އާ ސަރުކާރުގެ ކެބިނެޓަށް ރުހުން ދިނުމާ ގުޅޭގޮތުން މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ދައްކަމުން އަންނަނީ ނާތަހުޒީބު ވާހަކަތަކެއް ކަމަށް އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާއިރު އެ މައްސަލައާ ގުޅިގެން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އިއްޔެ ވިދާޅުވީ ނަޝީދު މަގާމުން ވަކިނުކޮށް މުއިއްޒު ހުވާ ކުރައްވައިފިނަމަ އެ ހުވާ ގަބޫލު ނުކުރައްވާނެ ކަމަށާއި، އެގޮތަށް ހުވާކުރެއްވުމަށްފަހު އެކުލަވާލާ ކެބިނެޓަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވުމުން ރުހުން ވެސް ނުދޭން އެމްޑީޕީން ނިންމާފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން ކުރެއްވި ޓްވީޓްގައި އަމްރު ވިދާޅުވީ، މަޖިލިހުގަ ދިމާވެގެން އުޅޭ ދެބަަސްވުމެއްގައި، ރައްޔިތުން ހޮވާފަ ހުރި ފަރާތް ރައީސުލްޖުމްހޫރިއްޔާގެ ހުވާކުރުން ހުއްޓުވާނެ ކަމަށް "މެންބަރުން ގިނަ ޕާޓީއިން" ބުނުމާއި، ކެބިނެޓަށް ރުހުން ނުދޭނެ ކަމަށް ބުނުމަކީ ވަރަށް ނާތަހުޒީބު ކަމެއް ކަމަށެވެ.

49 މެންބަރުންގެ ސޮޔާއިއެކު ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާއިރު، އެޕާޓީގެ ޕާލިމެންޓަރީ ގްރޫޕުން ވަނީ ރައީސް ނަޝީދު މަގާމުން ވަކިކުރުމަށް ތްރީލައިން ވިޕެއްވެސް ނެރެފައެވެ.

ރައީސް ނަޝީދު މަގާމުން ވަކިކުރުމަށް ބާއްވާ މަޖިލީހުގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ފެށޭ ހަފުތާ އާދީއްތަ ދުވަހުއެވެ.