ހިންދީ ސިނަމާގެ އެންމެ މަގުބޫލު އެއް ޖޯޑު ކަމަށްވާ ޝާހްރުކް ޚާނާއި ކާޖޮލް އެކީގައި އަދިވެސް ސްކްރީނަށް ގެނައުމަކީ ވަރަށް ބޮޑު ހުވަފެނެއް ކަމަށް ޑައިރެކްޓަރު ޖޯހަރް ބުނެފި އެވެ.
ޕިންކްވިލާ އަށް ދިން އިންޓަވިއުއެއްގައި އޭނަ ބުނީ ޖާދޫއެއް ފަދަ އެ ތަރިން ސްކްރީނަށް ގެނެވޭ ކަހަލަ ވާހަކައެއް ވަރަށް މުހިއްމު ކަމަށެވެ. އެހެންވެ އެފަދަ ސްކްރިޕްޓަކަށް ކުރެވޭ އުންމީދު ވެސް ބޮޑު ކަމަށް ބުންޏެވެ.
"އަހަރެންގެ ވަރަށް ބޮޑު ހުވަފެނެއް އަދި ވެސް އެ ދެ ތަރިން އެކީގައި ސްކްރީނަށް ގެނައުމަކީ. އުންމީދު ކުރަން އެކަން އަދި ވާނެ ކަމަށް،" ދަރުމާ ޕްރޮޑަކްޝަންގެ ނަމުގައި ފިލްމެއް ހިންގަމުން އަންނަ ޕްރޮޑިއުސަރު ބުންޏެވެ. "ޝާހްރުކާއި ކާޖޮލްއާ އެކީ މަސައްކަތްކުރުމަކީ އާއިލާއާ އެކީ މަސައްކަތްކުރުން ކަހަލަ ކަމެއް. އެހާ ވެސް ގަޔާވާ، އަދި އަހަރެން ލޯބިކުރާ ކަމެއް އެއީ."
ކަރަން ޑައިރެކްޝަނަށް ނުކުތީ ވެސް މި ދެ ތަރިން ލީޑް ރޯލު ކުޅުނު ފިލްމަކުންނެވެ. އެއީ މީގެ 25 އަހަރު ކުރިން 1998 ގައި ރިލިޒްކުރި "ކުޗް ކުޗް ހޯތާ ހޭ" އެވެ. އޭގެ ފަހުން ކަރަންގެ އިތުރު ދެ ފިލްމެއްގެ ތަރިންނަކީ ވެސް ޝާހްރުކާއި ކާޖޮލް އެވެ. އެއީ 2001 ގެ "ކަބީ ހުޝީ ކަބީ ޢަމް" އާއި 2010 ގެ "މައި ނޭމް އިޒް ޚާން" އެވެ.
ޝާހްރުކާއި ކާޖޮލް އެކީގައި ކުޅުނު އެހެން ފިލްމުތަކުގެ ތެރޭގައި "ބާޒީގަރު"، ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ (ޑީޑިއެލްޖޭ) އަދި "ކަރަން އަރުޖުން" ހިމެނެ އެވެ. ދެ ތަރިން އެކީގައި އެންމެ ފަހުން ފެނިފައި ވަނީ ޑައިރެކްޓަރު ރޯހިތުގެ ޝެޓީގެ 2015 ގެ "ދިލްވާލޭ" އިންނެވެ.
މިދިޔަ ޖުލައި މަހު އާލިއާ ބަޓާއި ރަންވީރު ސިންގްއާ އެކީ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެނެސްދިން ކަރަންގެ 8 ވަނަ ޑައިރެކްޝަނަކަށް އޮތީ އޭނަ އަލަށް އެކްޝަން ޖޯންރާ ތަޖުރިބާކުރަން ހަމަޖެހިފައިވާ ފިލްމެވެ. އެކަމަކު އޭގެ ނަމާއި ކާސްޓް އަދި އިއުލާނެއް ނުކުރެ އެވެ.