ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަރާތުން މިހާރު ފެންނަނީ ވެރިކަން ކުރި މީހެއްގެ ކިބައިން ފެންނާނެކަމަށް އުއްމީދުކުރިފަދަ ކަންކަމެއް ނޫންކަމަށް ދަ ޑިމޮކްރެޓްސްގެ އިންޓެރިމް ކައުންސިލް މެމްބަރު އަދި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.
ޝިފާޒް މިފަދައިން ވިދާޅުވެފައިވަނީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅުވާ އެމްޑީޕީން ދައްކަމުންދާ ވާހަކަތަކާ ގުޅިގެންނެވެ.
އެގޮތުން ޝިފާޒް ވިދާޅުވީ ރައީސް މުހައްމަދު ނަޝީދަށް އެމްޑީޕީގެ މެންބަރުން ދިން ރިޔާސީ ޓިކެޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދިނުމަށްފަހު ވެރިކަމުގެ ދައުރެއް ދީގެންވެސް ހިތް ނުފުރުނު ކަމަށެވެ.
" ދެން މި ފެންނަނީ ވެރިކަން ކުރި މީހެއްގެ ކިބައިން ފެންނާނެކަމަށް އުއްމީދުކުރި ކަމެއްވެސްނޫން. ދެންވެސް ރީތިކޮށް އުޅެވޭތޯ ބެލުން ރަނގަޅުވާނީ." ޝިފާޒްގެ ޓްވީޓްގައިވެއެވެ.
ރައީސް ނަޝީދަށް @MDPSecretariat މެމްބަރުން ދިން ރިޔާސީ ޓިކެޓު @ibusolih އަށް ދިނުމަށްފަހު ވެރިކަމުގެ ދައުރެއް ދީގެންވެސް ހިތެއް ނުފުރުން. ދެން މި ފެންނަނީ ވެރިކަން ކުރި މީހެއްގެ ކިބައިން ފެންނާނެކަމަށް އުއްމީދުކުރި ކަމެއްވެސްނޫން. ދެންވެސް ރީތިކޮށް އުޅެވޭތޯ ބެލުން ރަނގަޅުވާނީ. pic.twitter.com/qLOf6Mh0An
— Mohamed Shifaz🎈 (@shippeshifaz) October 25, 2023
އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާއިރު އެ މައްސަލައާ ގުޅިގެން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އިއްޔެ ވިދާޅުވީ ނަޝީދު މަގާމުން ވަކިނުކޮށް މުއިއްޒު ހުވާ ކުރައްވައިފިނަމަ އެ ހުވާ ގަބޫލު ނުކުރައްވާނެ ކަމަށާއި، އެގޮތަށް ހުވާކުރެއްވުމަށްފަހު އެކުލަވާލާ ކެބިނެޓަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވުމުން ރުހުން ވެސް ނުދޭން އެމްޑީޕީން ނިންމާފައިވާ ކަމަށެވެ.