Last Updated: May 8, 20:49
Thursday, May 8, 2025
ޚަބަރު

އެމްޑީޕީން ބުނަނީ މަޖިލިސް އޮތީ ހިސޯރުކޮށްފައި ކަމަށް

ރައީސް ސޯލިހް، ނަޝީދު އަދި ފައްޔާޒު މަޝްވަރާ ކުރައްވަނީ - ފޮޓޯ: މުހައްމަދު ޝަރުހާން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ އިތުބާރު ނެތްބޭފުޅެއް ކަމަށާއި، މަޖިލިސް ހިސޯރުކޮށްފައި އޮތް ކަމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެޖެންޑާކޮށްފައިވަނިކޮށް، ގާނޫނުއަސާސީއާއި މަޖިލީހުގެ ގަވާއިދާ ޚިލާފަށް، އެ މައްސަލަ ކުރިއަށް ގެންދިޔަ ނުދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތް ކުށްވެރިކުރާ ކަމަށެވެ.

އެމްޑީޕީން ބުނެފައިވަނީ މަޖިލިސް ރައީސްގެ މަގާމަކީ މެންބަރުންގެ އިތުބާރާއެކު ހުރެވޭ މަގާމެއް ކަމަށާއި، އެ މަގާމުގައި ހުންނަވަންވާނީ އިތުބާރު ނެތްކަމުގެ ވޯޓާވެސް ކުރިމަތިލައްވަން ކެރިވަޑައިގަންނަވާ، ޑިމޮކްރެޓިކް ހަމަތައް ގަބޫލު ކުރައްވާ ފަރާތެއްކަމަށެވެ. އެމްޑީޕީން ބުނެފައިވަނީ ރައީސް ނަޝީދުގެ ފަރާތްޕުޅުން ފެންނަމުންދަނީ ޑިމޮކްރެސީގެ ހަމަތަކުން އެއްކިބާވެވަޑައިގަންނަވާތަން ކަމަށެވެ.

"ރިޔާސީ އައު ދައުރެއްގެ ފެށުން ނުހަނު ކައިރިވެފައިވާ މިފަދަ ދުވަސްވަރެއްގައި ގާނޫނުއަސާސީގެ ބާރުކަނޑުވާލައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ ޚިލާފަށް ރައްޔިތުންގެ މަޖިލީސް ކުރިއަށް ގެންދިޔުމަށް މިޕާޓީން ފުރުސަތެއް ނުދޭނަމެވެ. މިޕާޓީން އެދެނީ އިންތިހާބީ ރައީސާއި ނައިބްރައީސް ހުވާކުރެއްވުމުގެ ޖަލްސާއަކީ އެޖަލްސާގެ ސައްހަކަމާމެދު ޤާނޫނީގޮތުން ސުވާލު އުފެދުމުގެ ފުރުސަތު ނެތް ޖަލްސާއެއްކަން ކަށަވަރުކުރުމަށެވެ. އެކަން އެމަގުން ކުރިއަށް ގެންދިޔުމަށް މިޕާޓީން ކުރަންޖެހޭ އެންމެހައި މަސައްކަތަށް ކުރާނެ ކަމުގެ ޔަޤީންކަން މިޕާޓީގެ ފަރާތުން އަރުވަމެވެ." އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން އެމްޑީޕީން ބުނެފައިވަނީ ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބައްޓަން ކޮށްފައިވަނީ އެއްވެސް ފަރާތަކަށް، ޤާނޫނު ހެދުމުގެ ބާރު ހިސޯރުކުރެވޭނެ ގޮތަކަށް ނޫން ކަމަށެވެ. އެމްޑީޕީން ގޮވާލާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ކުރިއަށް ގެންގޮސް، މެންބަރުންގެ ވޯޓުން މި މައްސަލަ ނިންމުމަށެވެ.