Last Updated: July 17, 18:07
Saturday, July 18, 2026
ދުނިޔެ

ތިން ހަފުތާތެރޭ 3،000 ކުދިން ޝަހީދުކޮށްލައިފި

އިޒްރޭލުން ފަލަސްތީނަށް ހަމަލާތައް ދޭން ފެށިފަހުން ޝަހީދުވި ކުޑަކުދިންގެ އަދަދު 3،000 އަށް އަރައިފި އެވެ.

މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް ވަނީ 7،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފަ އެވެ. މީގެތެރޭގައި 3،000 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނޭއިރު އިމާރާތްތަކުގެ ދަށުގައި ތާށިވެފައި 940 ކުއްޖަކު އެބަތިބި ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެ އެވެ.

ހަމަލާތަކުގެ ސަބަބުން 1،650 މީހަކު ގެއްލިފައިވާއިރު އިޒްރޭލުން ގަސްދުގައި ސިއްހީ ފަރުވާދޭ ތަންތަނަށް ހަމަލާތައް ދެމުންދާ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ. އެގޮތުން އިޒްރޭލުން މިހާތަނަށް ސިއްހީ ހިދުމަތްދޭ 57 ތަނަކަށް ހަމަލާދީފައިވާ ކަމަށާއި އޭގެ ސަބަބުން 12 ހޮސްޕިޓަލެއްގެ ހިދުމަތް އެއްކޮށް ހުއްޓިފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.

އިޒްރޭލުން ފަލަސްތީނުގެ ސިއްހީ ނިޒާމު ފުނޑުފުނޑުކޮށްލަން އަމާޒު ހިފާފައިވާ ކަމަށާއި އެގޮތުން ސިއްހީ ސާމާނާއި ހޮސްޕިޓަލުތައް ހިންގަން ބޭނުންވާ ތެޔޮ އެތެރެކުރަން އިޒްރޭލުން މަނާކުރަމުންދާ ކަމަށްވެސް ބުނެފައިވެ އެވެ. އަދި ހޮސްޕިޓަލުތަކުގައި ބަލި މީހުންގެ އިތުރުން ގެދޮރު ދޫކޮށްދާން ޖެހިފައިވާ މީހުން ވެސް ގިނަ އަދަދަކަށް ތިބިއިރު ބޮޑު ބަލިމަޑުކަމެއް ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރު ވެސް މިހާރު އެބައޮތް ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެ އެވެ.

އިޒްރޭލާއި ހަމާސް ޖަމާއަތުން ކުރަމުންދާ ހަނގުރާމަ ހުއްޓާލަން ދުނިޔޭގެ ގިނަ ގައުމުތަކަކުން ގޮވާލަމުންދާއިރު އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލާތައް ފާއިތުވި ދުވަސްތަކުގައި ވަނީ އިތުރަށް ވަރުގަދަކޮށްފަ އެވެ.