އައްޑޫގައި ގެސްޓް ހައުސް ތަރައްޤީ ކުރަން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ލޯން ހަމަޖެހިފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
ކައުންސިލުން ބުނީ ގެސްޓް ހައުސް ވެންޗާ އަށް އެ ބޭންކުން 10 މިލިއަން ޑޮލަރާއި 20 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއްގެ ލޯން ދޭން އެއްބަސްވެފައިވާ ކަމަށެވެ.
އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވީ ކައުންސިލް އާއި އިންޑިއާގެ 18 އެސްޖީ ރިއަލިޓީ ކުންފުންޏާ ދެމެދު ހަދާ ޖޮއިންޓް ވެންޗަ ކުންފުނި ރަޖިސްޓްރީ ކުރެވުނުހާ އަވަހަކަށް ލޯނު ދޫކުރާނެ ކަމަށް އެސްބީއައި އިން ބުނެފައިވާ ކަމަށެވެ.
އިންޑިއާގެ 18 އެސްޖީ ރިއަލިޓީއަކީ ގެސްޓް ހައުސް ވެންޗާ އަށް ހުޅުވާލުމުން އެންމެ ފުރަތަމަ ޝައުގުވެރިކަން ފާޅު ކުރި ކުންފުނިތަކުގެ ތެރެއިން ކުންފުންޏެކެވެ.
އެ ކުންފުނީގެ ޓީމެއް މިދިޔަ އަހަރުގެ އޮކްޓޯބަރު އައްޑު އަށް ވެސް އައަ އެވެ. އެ ދަތުރުގައި ކައުންސިލުން ވަނީ ގެސްޓް ހައުސް ތަރައްގީ ކުރަން އެ ކުންފުންޏާ 29 ބިމެއް ވެސް ހަވާލުކޮށްފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ ހިތަދޫ މޫލެކެޑެ ސަރަހައްދުން 17 ބިމަކާއި މަރަދޫން 10 ބިމެއްގެ އިތުރުން މަރަދޫފޭދޫން ދެ ބިމެވެ.
މޭޔަރު ވިދާޅުވީ 18 އެސްޖީ ރިއަލިޓީ އާ އެކު ހަދާ ޖޮއިންޓް ވެންޗަ ކުންފުނި ހެދުމުގެ މަސައްކަތް ލަސްވަމުން ދަނީ ޤާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ބައެއް ކަންކަން އަދި ފުރިހަމަ ނުވެ ހުރުމުންނެވެ.
އެހެން ނަމަވެސް މި މަސް ނިމުމުގެ ކުރިން ޤާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ފަހު އިކޮނޮމިކް މިނިސްޓްރީއަށް ހުށަހަޅާނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.
އައްޑޫ ސިޓީ ކައުންސިލްގެ އަމާޒަކީ ދޮޅު އަހަރުގެ ތެރޭގައި 2،000 ގެސްޓް ހައުސް އެނދު އައްޑޫގައި ތަރައްގީ ކުރުމެވެ.
އެގޮތުން ގެސްޓް ހައުސް ތަރައްގީ ކުރަން ކުއްޔަށް ބިން ދޫކުރަން ބޭނުންވާ ބިންވެރިންނާ އެކު ދާދި ފަހުން ވަނީ މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) ވެސް ހަދައިފަ އެވެ.
