Last Updated: July 24, 06:24
Friday, July 24, 2026
މުނިފޫހިފިލުވުން

އަކްޝޭ މިހާރު "ސައިކޯ"

"ސައިކޯ" ކިޔާ ތުރިލާއަކަށް އަކްޝޭ ކުމާރު ސޮއިކޮށްފި އެވެ.

ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ މިއީ ޑައިރެކްޓަރު ރޯހިތު ޝެޓީގެ އަމިއްލަ ފިލްމު ކުންފުނި، ރޯހިތު ޝެޓީ ޕިކްޗާސް އަށް މޯހިތު ސޫރީ ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ފިލްމެއް ކަމަށެވެ. "އާޝިގީ 2" އާއި "އޭކް ވިލަން" އާއި "މަލަންގް" އަދި "ޒެހެރު" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން މޯހިތުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު "އޭކް ވިލަން ރިޓާންސް" އެވެ.

"ސައިކޯ" ވާނީ އަކްޝޭއާ އެކީ އޭނަ މަސައްކަތްކުރާ ފުރަތަމަ ޕްރޮޖެކްޓަށެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި މި ފިލްމުގެ ޝޫޓިން އަންނަ އަހަރުގެ ކުރީކޮޅު ފަށަން ހަމަޖެހިފައިވާ އިރު، ރާވާފައި އޮތް ގޮތުން ޝޫޓިން ފަށާތާ 40 ދުވަހުގެ ތެރޭގައި ޝޫޓިން އެއްކޮށް ނިންމާނެ އެވެ. އަދި "ސައިކޯ" ވާނީ މީގެ ކުރިން އަކްޝޭ ފެނިފައި ނުވާ ފަދަ ވަރަށް ތަފާތު ރޯލެއް ކުޅޭނެ ފިލްމަކަށް ކަމަށް ވެސް އެ ނޫހުން ބުންޏެވެ.

އަކްޝޭގެ އެންމެ ފަހުގެ ފިލްމަކީ މި މަހުގެ 6 ގައި ރިލީޒްކުރި "މިޝަން ރާނީގަންޖު" އެވެ. މިއީ މި އަހަރު ރިލީޒްވި އޭނަގެ ތިން ވަނަ ފިލްމެވެ. އަނެއް ދެ ފިލްމަކީ "ސެލްފީ" އާއި "އޯއެމްޖީ 2" އެވެ. އަކްޝޭގެ އަތުގައި މިހާރު ވެސް ހަ ފިލްމެއް އެބައޮތެވެ.