Last Updated: July 17, 18:07
Saturday, July 18, 2026
ދުނިޔެ

ގާޒާ އިން އިންޓަނެޓާއި ފޯނުގެ ހިދުމަތް ކެނޑިއްޖެ

އިޒްރޭލުން ދެމުންދާ ހަމަލާތަކާ ގުޅިގެން ފަލަސްތީނުގެ ގާޒާ އިން އިންޓަނެޓާއި ފޯނުގެ ހިދުމަތް ކެނޑިއްޖެ އެވެ.

ގާޒާގައި މިވަގުތު ތިބި ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ފާއިތުވި ދެ ގަޑިއިރުތެރޭ ގާޒާގެ އެކި ހިސާބުތަކަށް ހަމަލާތައް ދިނުން އިޒްރޭލުން ވަރުގަދަކޮށްފައިވާ ކަމަށާއި އޭގެ ސަބަބުން އިންޓަނެޓާއި ފޯނުގެ ހިދުމަތް އެއްކޮށް މިހާރު ކެނޑިފައިވާ ކަމަށެވެ. އަދި ގާޒާގައި މިހާރު ހިނގަމުންދާ ކަންކަން ބޭރު ދުނިޔެ އަށް ހާމަކޮށްދިނުމުގައި ވެސް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.

އިޒްރޭލުގެ އަސްކަރިއްޔާ އިން ވަނީ ގާޒާގައި ހިންގަމުންދާ އޮޕަރޭޝަން މިރޭ އިތުރަށް ވަރުގަދަކުރާނެ ކަމަށް ބުނެފަ އެވެ. އަދި ހުރިހާ ރައްޔިތުން ވެސް ގާޒާގެ ދެކުނު ސަރަހައްދަށް ދިޔުމަށް ވެސް އަންގާފައިވާއިރު އިޒްރޭލުގެ ހަމަލާތައް ގާޒާގެ ދެކުނުގެ ހިސާބުތަކަށް ވެސް އަންނަނީ އަމާޒުކުރަމުންނެވެ.

މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް ވަނީ 7،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފަ އެވެ. މީގެތެރޭގައި 3،000 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނޭއިރު އިމާރާތްތަކުގެ ދަށުގައި ތާށިވެފައި 940 ކުއްޖަކު އެބަތިބި ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެ އެވެ.

ހަމަލާތަކުގެ ސަބަބުން 1،650 މީހަކު ގެއްލިފައިވާއިރު އިޒްރޭލުން ގަސްދުގައި ސިއްހީ ފަރުވާދޭ ތަންތަނަށް ހަމަލާތައް ދެމުންދާ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ. އެގޮތުން އިޒްރޭލުން މިހާތަނަށް ސިއްހީ ހިދުމަތްދޭ 57 ތަނަކަށް ހަމަލާދީފައިވާ ކަމަށާއި އޭގެ ސަބަބުން 12 ހޮސްޕިޓަލެއްގެ ހިދުމަތް އެއްކޮށް ހުއްޓިފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.

އިޒްރޭލާއި ހަމާސް ޖަމާއަތުން ކުރަމުންދާ ހަނގުރާމަ ހުއްޓާލަން ދުނިޔޭގެ ގިނަ ގައުމުތަކަކުން ގޮވާލަމުންދާއިރު އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލާތައް ފާއިތުވި ދުވަސްތަކުގައި ވަނީ އިތުރަށް ވަރުގަދަކޮށްފަ އެވެ.