އިޒްރޭލުން ފަލަސްތީނުގެ ގާޒާ އަށް ދެމުންދާ ހަމަލާތައް ހުއްޓާލައި އިންސާނީ އެހީ ފޯރުކޮށްދޭން ގޮވާލާ އ.ދ ގެ އާންމު މަޖިލީހަށް ހުށަހެޅި ގަރާރު ފާސްވެއްޖެ އެވެ.
އުރުދުން އިން ހުށަހެޅި މިގަރާރު ފާސްވެފައިވަނީ 120 ވޯޓުންނެވެ. ގަރާރާ ދެކޮޅަށް 14 ގައުމަކުން ވޯޓު ދީފައިވާއިރު އެއްވެސް ކޮޅަކަށް ވޯޓު ނުދީ 45 ގައުމަކުން ތިއްބެވެ.
މި ގަރާރުގައި ގޮވާލާފައިވަނީ މައިގަނޑު ދެ ކަމަކަށެވެ. އެއީ ހަނގުރާމަ ހުއްޓާލާ ވީއެންމެ އަވަހަކަށް އިންސާނީ އެހީ ގާޒާ އަށް ފޯރުކޮށްދިނުމަށެވެ. އެގޮތުން ގާޒާ އަށް ތެޔޮ އެތެރެކުރަން ހުއްދަ ދިނުމަށް ވެސް ގަރާރުގައި ގޮވާލާފައިވާއިރު މިހާތަނަށް އެކަމަށް އިޒްރޭލުން އަންނަނީ ހުރަސް އަޅަމުންނެވެ.
ގަރާރާ ދެކޮޅަށް ވޯޓު ދިން ގައުމުތަކުގެ ތެރޭގައި އިޒްރޭލާއެކު އެމެރިކާ ވެސް ހިމެނެ އެވެ. އެއްވެސް ކޮޅަކަށް ވޯޓުނުދޭ ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތާއި ކެނެޑާ އާއި ޖަރުމަނު އަދި އިންޑިއާ ހިމެނެ އެވެ.
އިޒްރޭލާއި ހަމާސް ޖަމާއަތުން ކުރަމުންދާ ހަނގުރާމަ ހުއްޓާލަން ދުނިޔޭގެ ގިނަ ގައުމުތަކަކުން ގޮވާލަމުންދާއިރު އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލާތައް ފާއިތުވި ދުވަސްތަކުގައި ވަނީ އިތުރަށް ވަރުގަދަކޮށްފަ އެވެ. އެގޮތުން ރޭ ގާޒާ އަށް ހުއްޓުމެއް ނެތި ދިން ހަމަލާތަކުގެ ސަބަބުން ގާޒާ އިން ވަނީ އިންޓަނެޓާއި ފޯނުގެ ހިދުމަތް ވެސް ކެނޑިފަ އެވެ.
މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް ވަނީ 7،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފަ އެވެ. މީގެތެރޭގައި 3،000 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނޭއިރު އިމާރާތްތަކުގެ ދަށުގައި ތާށިވެފައި 940 ކުއްޖަކު އެބަތިބި ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެ އެވެ.