ފަލަސްތީނާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމައިން އިޒްރޭލު މިހާރު ބަލިވެފައިވާ ކަމަށް ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން ބުނެފި އެވެ.
މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލާއި ހަމާސް ޖަމާއަތާ ދެމެދު ހަނގުރާމަ ކުރަމުންދާއިރު ހަމާސްގެ ތަރުޖަމާނު އުސާމާ ހަމްދާން ވިދާޅުވީ ހަނގުރާމައިން ބަލިވެއްޖެކަން އިޒްރޭލަށް ވެސް މިހާރު އިނގޭނެ ކަމަށާއި މުޅި ދުނިޔެ އާއި ގާޒާއާ ގުޅުން ކަނޑުވާލީ ވެސް އެހެންވެ ކަމަށެވެ. އަދި މީގެ ބޭނުމަކީ ދުނިޔޭއާ ގާޒާއާ ގުޅުން ކަނޑުވާލުމަށްފަހު އިތުރު ޖަރީމާތަކެއް ހިންގުން ކަމަށް އުސާމާ ވިދާޅުވި އެވެ.
އިޒްރޭލުން އެއްގަމު މަގުން ގާޒާ އަށް އަރައިގަންނަން މަސައްކަތް ކުރާތާ ދުވަސްތަކެއް ވެފައިވާ ކަމަށާއި ނަމަވެސް އެއްގަމުން ގާޒާ އަށް އަރައިފިނަމަ ދެންވާނެ ގޮތަކާއި މެދު އިޒްރޭލުން ކަންބޮޑުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އިޒްރޭލުން ވައިގެ ހަމަލާތައް ދިން ނަމަވެސް ހަމާސް އިން ވަރުގަދަ އަށް ހިފަހައްޓަމުންދާ ކަމަށާއި ހަނގުރާމަ ހުއްޓާލުމާ ގުޅޭ އެއްވެސް ވާހަކައެއް ވެސް އަދި ރަހީނުކޮށްފައިވާ މީހުން ބަދަލުކުރުމާ ގުޅޭ ވާހަކައެއް ވެސް އެއްވެސް ސިފައެއްގައި އިޒްރޭލާއެކު ދެކެވެމުން ނުދާ ކަމަށްވެސް ވިދާޅުވި އެވެ.
އިޒްރޭލާއި ހަމާސް ޖަމާއަތުން ކުރަމުންދާ ހަނގުރާމަ ހުއްޓާލަން ދުނިޔޭގެ ގިނަ ގައުމުތަކަކުން ގޮވާލަމުންދާއިރު އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލާތައް ފާއިތުވި ދުވަސްތަކުގައި ވަނީ އިތުރަށް ވަރުގަދަކޮށްފަ އެވެ. އެގޮތުން ރޭ ގާޒާ އަށް ހުއްޓުމެއް ނެތި ދިން ހަމަލާތަކުގެ ސަބަބުން ގާޒާ އިން ވަނީ އިންޓަނެޓާއި ފޯނުގެ ހިދުމަތް ވެސް ކެނޑިފަ އެވެ.
މި މަހުގެ 7 އިން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް ވަނީ 7،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފަ އެވެ.