ކުރިން ހޮލީވުޑްގެ ބައެއް ޕްރޮޖެކްޓްތަކުގައި މަސައްކަތްކޮށްފައިވާ އިންޑިއާގެ މަޝްހޫރު އެކްޓަރު އަނިލް ކަޕޫރަށް އަނެއްކާ ވެސް އެފަދަ ޕްރޮޖެކްޓަކުން ފުރުސަތު ލިބިއްޖެ އެވެ.
ޕިންކްވިލާ އިން ބުނި ގޮތުގައި 66 އަހަރުގެ އެކްޓަރަށް މި ފަހަރު ފުރުސަތު ލިބުނީ އިންޑިއާ ދަރިކޮޅުގެ އެމެރިކާގެ ޑައިރެކްޓަރު ރިތޭޝް ބަޓްރާ ހަދަން ނިންމާފައިވާ ލޯބީގެ ފިލްމަކުންނެވެ. މިއީ އިންޑިއާގެ ފިރިހެނަކާއި ފްރާންސްގެ އަންހެނަކާ ދެމެދު އުފެދޭ ލޯބީގެ ގުޅުމެއް ވަރަށް ތަފާތު ގޮތަކަށް ކިޔައިދޭނެ ފިލްމެއް ކަމަށް އެ ނޫހުން ބުންޏެވެ.
ޕިންކްވިލާ އިން ބުނި ގޮތުގައި ރިތޭޝް އަންނަނީ ފިލްމުގެ ޝޫޓިން ފެށުމުގެ ތައްޔާރީތައް މިހާރުވަމުންނެވެ. ނަމަވެސް މިއާ ބެހޭ އެއްވެސް މައުލޫމާތެއް ރަސްމީކޮށް އަދި ހާމައެއް ނުކުރެ އެވެ. ރިތޭޝް އަކީ 2013 ގެ "ދަ ލަންޗް ބޮކްސް" އާއި 2017 ގެ "ދަ ސެންސް އޮފް އޭން އެންޑިން" އާއި އެ އަހަރުގެ "އަވާ ސޯލްސް އެޓް ނައިޓް" ވެސް ގެނެސްދިން ޑައިރެކްޓަރެވެ.
އޭނަގެ އެންމެ ފަހުގެ ފިލްމަކީ 2019 ގެ "ފޮޓޯގްރާފް" އެވެ.
ބޮލީވުޑްގެ ބަތަލާ ސޯނަމް ކަޕޫރްގެ ބައްޕަ އަނިލް އިންޓަނޭޝަނަލް އާ ޕްރޮޖެކްޓަކަށް ތައްޔާރުވާ އިރު، މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އަނިލް ކުރިން ހިއްސާވި އެފަދަ ފިލްމުތަކުގެ ތެރޭގައި 2008 "ސްލަމްޑޯގް މިލިއަނާ" އާއި 2011 ގެ "މިޝަން އިމްޕޮސިބަލް: ދަ ގޯސްޓް ޕްރޮޓޮކޯލް" ހިމެނެ އެވެ. އަދި އެމެރިކާގެ ސީރީޒް "24" އަކީ ވެސް އަނިލްގެ ހުނަރު ދައްކައިލި އެއްޗެކެވެ.
އަބަދަށް ޒުވާން އެކްޓަރެއްގެ ގޮތުގައި ބެލުންތެރިންގެ މެދުގައި ލޭބަލްވެފައިވާ އަނިލް އެންމެ ފަހުން ފެނިފައި ވަނީ މި މަހުގެ 6 ގައި ރިލީޒްކުރި "ތޭންކް ޔޫ ފޯ ކަމިން" އިންނެވެ. އޭނަ ދެން ފެންނާނީ ޑިސެމްބަރު 1 ގައި ރިލީޒްކުރާ "އެނިމަލް" އިންނެވެ.
އަންނަ އަހަރުގެ ޖެނުއަރީ 25 ގައި ގެނެސްދޭ ރިތިކް ރޯޝަނާއި ދީޕިކާ ޕަދްކޯންގެ އޭރިއަލް-އެކްޝަން ތުރިލާ "ފައިޓާ" ގެ ކާސްޓްގައި ވެސް އަނިލް ހިމެނެ އެވެ.