Last Updated: July 17, 18:07
Saturday, July 18, 2026
މުނިފޫހިފިލުވުން

ޓޭލާ އަކީ މިހާރު ބިލިއަނަރެއް

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓްގެ މިލްކިއްޔާތު ބިލިއަން ޑޮަރަށް އަރައިފި އެވެ.

ބްލޫމްބާގް ބިލިއަނާސް އިންޑެކްސްގައިވާ ގޮތުން އުމުރުން 33 އަހަރުގެ ފަންނާނުގެ މިލްކިއްޔާތަކީ މިހާރު 1.1 ބިލިއަން ޑޮލަރެވެ. ދުނިޔޭގެ އެންމެ ނުފޫޒު ގަދަ އަންހެން ފަންނާނުންގެ ތެރޭގައި ހިމެނޭ ޓޭލާގެ ތަނަވަސްކަމަށް ކުއްލި ބޮޑު ކުރިއެރުމަށް އައުމަށް މަގުފަހިވި މައިގަނޑު ސަބަބަކީ އޭނަ ފަށާފައި އޮތް "ދި އިރާސް ޓުއާ" އާއި އޭގެ ކޮންސަޓް ފިލްމުން މިހާތަނަށް ލިބުނު އާމްދަނީ އެވެ.

މި އަހަރުގެ މާޗް 17 ގައި ފެށި މި ޓުއާ ނިމުމަކަށް އަންނާނީ އަންނަ އަހަރުގެ ނޮވެމްބަރު 23 ގަ އެވެ. "އީރާސް ޓުއާ" ގައި މިހާތަނަށް 56 ޝޯ ދީފައިވާ އިރު، އެއިން ލިބުނު އާމްދަނީ އެކަނި 780 މިލިއަން ޑޮލަރަށް އަރަ އެވެ.

މި މަހުގެ 13 ގައި ނެރުނު "ޓޭލާ ސްވިފްޓް: ދި އީރާސް ޓުއާ" ގެ ކޮންސަޓް ފިލްމަށް މިހާތަނަށް އާމްދަނީގެ ގޮތުގައި 181.5 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.

ބިލިއަނަރުންގެ ލިސްޓުން ޓޭލާ އަށް އިއްޔެ ޖާގަ ލިބުނު އިރު، ފާހަގަކޮށްލެވޭ ކަމަކީ އޭނަގެ 2014 ގެ އަލްބަމް "1989" ގެ އާ ވާޝަނެއް ވެސް އިއްޔެ ނެރެފައިވާކަމެވެ. މިއީ މިގޮތަށް ނެރުނު ޓޭލާގެ ހަތަރު ވަނަ އަލްބަމެވެ. އެގޮތުން 2010 ގެ "ސްޕީކް ނައު" ގެ އާ ވާޝަންގެ ގޮތުގައި މި އަހަރުގެ ޖުލައިގައި ނެރުނު އަލްބަމާއި 2021 ގައި ނެރުނު 2012 ގެ "ރެޑް" އާ ވާޝަންގެ އިތުރުން ހަމަ އެ އަހަރު ނެރުނު 2008 ގެ "ފިއަލެސް" ގެ އާ ވާޝަނެވެ.

މިހާތަނަށް 12 ގްރެމީގެ އިތުރުން ވެސް މިއުޒިކީ ދާއިރާ އިން ދެވޭ ޝަރަފުވެރި އެތައް އެވޯޑެއް ހާސިލުކޮށްފައިވާ ޓޭލާ މުޅިން އާ އަލްބަމެއްގެ ގޮތުގައި އެންމެ ގަހުން ގެނެސްދިނީ މިދިޔަ އަހަރުގެ "މިޑްނައިޓްސް" އެވެ.

ލަވަކިޔުންތެރިއެއްގެ އިތުރުން ޓޭލާ އަކީ ބަތަލާއެއް އަދި ޑައިރެކްޓަރެއް/ޕްރޮޑިއުސަރެކެވެ.