މަޝްހޫރު ކޮރިއޯގްރާފަރު އަދި ޑައިރެކްޓަރު ޕްރަބޫދޭވާ އަންނަ މަހު މަަަސަައްކަތް ފެށުމަށް ހަމަޖެހިފައިވާ "ރާމްބޯ ރާޖްކުމާރް" ގައި ބަތަކު ޝާހިދު ކަޕޫރު ފެނިގެން ދާނީ އޭނާގެ މީގެ ކުރިން ފެނިފައި ނުވާ ފަދަ އަދި ބެލުންތެރިން ހައިރާންކޮށްލާނެ ވަރުގެ އެކްޝަން ރޯލަކުން ކަމަށް ޕްރަބޫދޭވާ ބުނެފި އެވެ.
ތަމަޅަ ފިލްމްތަކެެއްގެ ރީމެކިންގެ ގޮތުގައި ސަލްމާން ހާނުގެ "ވޯންޓެޑް" އާއި އަކްޝޭ ކުމާރުގެ "ރައުޑީ ރާތޯޑް" ޑައިރެކްޓްކޮށްފައިވާ ޕްރަބޫދޭވާ ބުނީ "ރާމްބޯ ރާޖްކުމާރް" ގައި ޝާހިދު އަދާ ކުރާނީ ވަރަށް އެނަޖެޓިކް ވަރުގަދަ އެކްޝަން ހީރޯއެއްގެ ރޯލް ކަމަށެވެ. އެހެން ނަމަވެސް މި ފިލްމަކީ އޭނާގެ ކުރީ ފިލްމްތަކާ އެއްގޮތަށް ރިމޭކިންއެއް ނޫން ކަމަށް ޕްރަބޫދޭވާ ބުންޏެވެ.
"އޭގެ އިތުރަށް ޝާހިދުގެ ނެށުމުގެ ހުނަރުތައް ދައްކުވައިދޭ ވަރުގަދަ ލަަވަތަކެެއް ވެސް މި ފިލްމްގައި ހިމެނޭނެ. ޖުމްލަކޮށް ބުނަންޏާ މި ފިލްމަކީ ބެލުންތެރިން ބޭނުން ވާނެ ހުރިހާ ރަހައެއް އެކުލެވޭ ބޮލީވުޑް މަސާލާ ފިލްމަކަށް ވާނެ،" އޭނާ ބުންޏެވެ. "ފިލްމްގެ ޝޫޓިން އަންނަ މަހު ފަށާނެ."
މި ފިލްމްގެ ބަތަލާއަކީ ސޮނަކްޝީ ސިންހާ އެވެ. އަދި މިއީ ޝާހިދު އާއި ސޮނާކްޝީ އެކުގައި ކުޅޭ ފުރަތަމަ ފިލްމް ވެސް މެ އެވެ.
ޝާހިދުގެ އެންމެ ފަހުން ރިލީޒްވި ފިލްމަކީ ކުނާލް ކޯލީ ޑައިރެކްޓްކޮށް، ޕްރިޔަންކާ ޗޯޕްޅާ އާ އެކު ލީޑް ރޯލް ކުޅުނު "ތޭރީ މޭރީ ކަހާނީ" އެވެ. އެ ފިލްމަކީ ބޮޑު ފްލޮޕެކެެވެ.
އޭނާ މިހާރު އަންނަނީ ރާޖްކުމާރް ސަންތޯޝީގެ "ޕަޓާ ޕޯސްޓަރު ނިކްލާ ހީރޯ" ގެ މަސައްކަތް ކުރަމުންނެވެ. މި ފިލްްމްގައި ޝާހިދުގެ ކޯސްޓާރަކީ "ބަރްފީ" ގެ ބަތަލާ އިލިއާނާ ޑި ކްރޫޒް އެވެ.