Last Updated: July 24, 06:24
Friday, July 24, 2026
މުނިފޫހިފިލުވުން

"ފަތިސްހަނދުވަރު" ބަލާލަން ފުރުސަތެއް

ރާއްޖޭގައި މިހާތަނަށް އުފެއްދި އެންމެ މަގުބޫލު ލޯބީގެ ބިރުވެރި ފިލްމު "ފަތިސްހަނދުވަރު" އޮލިމްޕަހުގައި އަލުން ބަލާލުމުގެ ފުރުސަތު ފަހިވެއްޖެ އެވެ.

މި ފުރުސަތު ފަހިވީ ފަލަސްތީނަށް އެހިވާން ރާއްޖޭގެ ފަންނާނުން އިންތިޒާމުކޮށްގެން މިހާރު ކުރިއަށް ގެންދާ "އިންސާނިއްޔަތަށްޓަކައި" ކެމްޕޭނަށް ފައިސާ ހޯދަން ކުރިއަށް ގެންދަން ނިންމި ފިލްމު ފެސްޓިވަލާ އެކީގަ އެވެ. މި ފެސްޓިވަލް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މާދަމާ އިން ފެށިގެން މި މަހުގެ 31 އަށެވެ. ފެސްޓިވަލްގެ ތެރެއިން އޮލިމްޕަހާއި މާލޭގައި ހުންނަ ޝްވެކް އަދި ހުޅުމާލޭގައި ހުންނަ ޝްވެކް ސިނަމާތަގައި މަގުބޫލު ދިވެހި ފިލްމުތަކެއް ދައްކާނެ އެވެ.

އެގޮތުން "ފަތިސްހަނދުވަރު" މި މަހުގެ 31 ވަނަ ދުވަހުގެ ރޭ ދައްކަން ހަމަޖެހިފައި ވަނީ އޮލިމްޕަހުގަ އެވެ. އެއީ އެރޭ 11:45 ގަ އެވެ.

މި ފިލްމަކީ ރާއްޖޭގެ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ބިންމާ އިބްރާހީމް ވަހީދު ކުރީގެ "ހަވީރު" ނޫހުގައި ޝާއިއުކުރި މަގުބޫލު ވާހަކަ އަށް 1997 ގައި ގެނެސްދިން ފިލްމެކެވެ. ކުރީގެ ސްލޭމް ސްޓޫޑިއޯގެ "ފަތިސްހަނދުވަރު" ގެ ޑައިރެޓަރަކީ ކުރީގެ ޑައިރެކްޓަރު އީސަ ޝަރީފެވެ. މި ފިލްމުގެ ލީޑް ރޯލު ކުޅުނީ ރީކޯ މޫސާ މަނިކާއި ނިއުމާ މުހައްމަދެވެ.

"ފަތިސްހަނދުވަރު" ގައި ކިޔައި ދެނީ ފިރިހެން ޖިންނިއަކާއި އިންސާނެއްގެ ލޯބީގެ ގުޅުމަކުން ދިމާވާ ހާދިސާތަކެވެ.

އޮލިމްޕަހުގައި "ފަތިސްހަނދުވަރު" ރިލީޒްކުރީ ސެޕްޓެމްބަރު 4، 1997 ގަ އެވެ. އޭގެ އެތައް އަހަރެއް ފަހުން އެ ހަނދާން އާކޮށްލަން މި ހަފުތާގައި އަލުން މި ފިލްމު ސްކްރީނުން ބަލާލުމަކީ މި ފިލްމުގެ ޖާދޫގައި ޖެހުނު މީހުންނަށް ޔަގީނުން ވެސް ހާއްސަ ކަމަކަށް ވާނެ އެވެ.

މި ފަހަރު މި ކުރިއަށް ގެންދާ ފަންޑް ރެއިޒިން ފިލްމު ފެސްޓިވަލްގައި ދައްކަން ހަމަޖެހިފައިވާ ފިލްމުތަކުގެ ތެރޭގައި އެހާރާއި މިހާރުގެ ބައެއް ފިލްމުތައް ހިމެނެ އެވެ. އޭގެ ތެރޭގައި "އުދަބާނި"، "ޔޫސުފު"، "އަމާނާތް"، "ދިލަކަނި"، "އިނގިލި"، "ވާށޭ މަށާއެކީ"، "މާމުއި"، "ބަވަތި"، ހެހެސް"، ބޮސް"، "ވިޝްކާ" އަދި "ނިވައިރޯޅި" ހިމެނެ އެވެ.