އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ޓީވީ ސްޓޭޝަނާ ގުޅިވަޑައިގެންފި އެވެ.
އޭނަ ދެން މަސައްކަތްކުރައްވާނީ އިނގިރޭސިވިލާތުގެ ޓީވީ ޗެނެލެއް ކަމަށްވާ ގްރޭޓް ބްރިޓްން (ޖީބީ) ނިއުސްގަ އެވެ. އެގޮތުން އެތަނުގެ ޕްރެޒެންޓަރެއްގެ އިތުރުން ޕްރޮގްރާމްތައް އުފެއްދުމާއި ކޮމެންޓޭޓަރެއްގެ ގޮތުގައި ބޮރިސް މަސައްކަތްކުރައްވާނެ އެވެ.
ބޮރޮސް ޖީބީ ނިއުސްއާ ގުޅިވަޑައިގަތުމާ ގުޅިގެން އެ ތަނުން ނެރުނު ބަޔާނެއްގައި ބުނީ ބޮރިސް އަކީ ޗެނެލްގެ ވަރަށް މުހިއްމު ހިއްސާއަކަށް ވާނެ ކަމަށާއި އަންނަ އަހަރު ބާއްވާ އިނގިރޭސިވިލާތާއި އެމެރިކާގެ އިންތިހާބު ކަވަރުކުރުމުގެ މަސައްކަތުގައި ވެސް ކުރީގެ ބޮޑުވަޒީރު ވަރަށް އިސް ރޯލެއް އަދާކުރައްވާނެ ކަމަށެވެ.
We’re delighted to announce some very exciting news…https://t.co/BRg8ZgTy1X pic.twitter.com/FD0wz0Urkt
— GB News (@GBNEWS) October 27, 2023
ޖީބީ ނިއުސްއާ ގުޅިވަޑައިގަންނަވާ ވާހަކަ ސޯޝަލް މީޑިއާ ވީޑިއޯ މެސެޖެއްގައި ހިއްސާކުރައްވައި ބޮރިސް ވިދާޅުވީ އެކަމާ ވަރަށް އުފަލުން ހުންނެވި ކަމަށެވެ. އެގޮތުން މިހާރު ދުނިޔޭގައި ހިނގަމުން އަންނަ ބޮޑެތި މައްސަލަތަކާ ގުޅޭ ކަންކަމަށް އަލިއަޅުއްވާނެ ކަމަށް ވިދާޅުވި އެވެ.
ޖީބީ ނިއުސްއާ ބޮރިސް ގުޅިވަޑައިގެންނެވި އިރު، މިދިޔަ ޖޫން މަހުގެ މެދުތެރެއން ފެށިގެން ބޮރިސް ގެންދެވީ އިނގިރޭސިވިލާތުގެ މަޝްހޫރު ނޫސް "ޑެއިލީ މެއިލް" ގެ ކޮލަމިސްޓެއްގެ ވަޒީފާ އަދާކުރައްވަމުންނެވެ.
އޭނަ ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ކުރީކޮޅު އެވެ. އަދި ގާނޫނު ހަދާ މަޖީލިހުގެ މެންބަރުކަމުން އިސްތިއުފާ ދެއްވީ މިދިޔަ ޖޫން މަހުގެގެ ކުރީކޮޅު އެވެ.