ބޮލީވުޑްގެ ތަރިން ކަމަށްވާ ޓައިގާ ޝްރޮފާއި ޑިޝާ ޕަޓާނީގެ ގިނަ ދުވަސްވީ ލޯބީގެ ގުޅުން ނިމުމަކަށް އަޔަސް އެ މީހުންގެ ޕްރޮފެޝަނަލް ގުޅުން ނިމުމަކަށް ނާންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ މި ދެ ތަރިން މިހާރު އެކީގައި ފިލްމަކަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އެއީ 2019 ގައި އަކްޝޭ ކުމާރުގެ "މިޝަން މަންގަލް" ގެނެސްދިން ޑައިރެކްޓަރު ޖަގަން ޝަކްތީގެ އެކްޝަން-އެޑްވެންޗަ ފިލްމު "ހީރޯ ނަމްބަރު 1" އެވެ.
މިދިޔަ މަހު މީޑިއާތަކުން ބުނީ މި ފިލްމުގައި ޓައިގާއާ އެކީ ބަތަލާގެ ރޯލު ކުޅޭނީ ސާރާ އަލީ ޚާން ކަމަށެވެ. ނަމަވެސް އޭނަގެ ބަދަލުގައި ޑިޝާ ފިލްމަށް ނަގާފައިވާ ކަމަށް މީޑިއާތަކުން ބުންޏެވެ. އެކަމަކު މި ފިލްމު ރަސްމީކޮށް އަދި އިއުލާން ނުކުރާތީ އެކަން މުޅިއަކުން ކަށަވަރެއް ނުވެ އެވެ.
ޓައިގާ އާއި ޑިޝާ އެކީގައި ކުރިން ކުޅުނު ފިލްމަކީ 2018 ގެ "ބާގީ 2" އެވެ. އަދި 2020 ގެ "ބާގީ 3" ގެ ލަވައެއް ޑިޝާ ކުޅުނެވެ. މި ދެ ތަރިން ރުޅިވީ މިދިޔަ އަހަރު އެވެ. ޓައިގާ އާއި ޑިޝާ ރައްޓެހިވެގެން އުޅުނު އިރު، އެކި ފަހަރު މަތިން ރާއްޖެ އަށް ޗުއްޓީ އަށް ވެސް ޒިޔާރަތްކޮށްފައިވެ އެވެ.
ލޯބީގެ ގުޅުމުގައި ސިއްކަ ޖެހުނު ނަމަވެސް ބޮލީވުޑްގައި ޕްރޮފެޝަނަލް ގުޅުން ބާއްވާ ތަރިންގެ ތެރޭގައި ކުރީގެ ލޯބިވެރިން ކަމަށްވާ ރަންބީރް ކަޕޫރާއި ދީޕީކާ ޕަދްކޯނާއި ސަލްމާން ޚާނާއި ކެޓްރީނާ ކައިފް އަދި ދީޕިކާގެ ފިރިމީހާ ރަންވީރު ސިންގް އާއި އަނުޝްކާ ޝަރުމާ ފާހަގަގަކޮށްލެވެ އެވެ.
ލޯބީގެ ގުޅުން ނިމުނު ފަހުން އެކީގައި މަސައްކަތް ނުކުރާ އެންމެ މަޝްހޫރު ޖޯޑަކީ ސަލްމާން ޚާނާއި އައިޝްވާރިއާ ރާއީ އެވެ.