Last Updated: June 8, 07:06
Monday, June 8, 2026
ޚަބަރު

ލަންކާ އިން ހަދައި ދިން މަގުތަކުގައި ކޮރަޕްޝަން!

ފޭދޫ ބޮޑު މަގު. ފޮޓޯ/ އައްޑޫ ލައިވް

ސްރީލަންކާއިން ރާއްޖޭގައި ހިންގި މަގު ހެދުމުގެ މަޝްރޫއެއްގައި ކޮރަޕްޝަން ހިމެނޭ މައްސަލައެއް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ސަމާލު ކަމަށް ގެނެސްފި އެވެ.

ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ސަރުކާރުން އައްޑޫގައި ހަދައިދިން މަގުގެ މައްސަލައިގައި، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ސަމާލުކަމަށް ގެނައީ އިއްޔެ އެގަުމުގެ ގާނުނު ހަދާ މަޖިލީހުގައި ކުރި ބަހުސެއްގެ ތެރެއިންނެވެ. އެ ބަހުސް ކޮށްފައި ވަނީ، ބޮޑުވަޒީރު ރަނިލް އާއި އާ ސަރުކާރު ގެނައުމުގައި ބައިވެރިވެ، އެކަމަކު މިހާރު ސަރުކާރަށް ފާޑުކިޔަމުން އަންނަ ވާތު ފިޔައިގެ ޕާޓީ، ޖޭވީޕީގެ ލީޑަރު އަނޫރާ ކުމާރަ ޑިސަނަޔަކައާ ދެ ބޭފުޅުންނެވެ.

ސްރީލަންކާގެ 1.07 ބިލިއަން ރުޕީސްގެ އަގު ހުރި އެ މަޝްރޫއުގައި މައްސަލަ މަޖިލީހުގައި ފެންމަތި ކުރީ ޖޭވީޕީގެ ލީޑަރު އަނޫރަ ކުމަރަ ޑިސަނަޔެކައެވެ.

އަނޫރަ ކުމަރަ ޑިސަނަޔެކަ ފާހަގަ ކުރެއްވި ގޮތުގައި އެމަޝްރޫއު ކޮންޓްރެކްޓަރަކާއި ހަވާލުކޮށްފައިވަނީ ޓެންޑަރަށް ނުލައެވެ. އަދި އެ މަޝްރޫއަށް ބޭނުންވާ ދަނގަޑާއި އެހެނިހެން ތަކެތި ރާއްޖެއަށް ގެނެސްފައިވަނީ ވެސް ތިމާވެއްޓަ ބެހޭ ގާނޫނާ ހިލާފަށް ކަމަށެވެ.

އަނޫރަ ކުމަރަ ޑިސަނަޔެކަގެ ސުވާލު ރައްދު ދެއްވަމުން ސްރީލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމް ސިންހަ ވިދާޅުވީ، ރާއްޖެއަކީ ސްރީލަންކާގެ ބައެއް ކަމަށާއި، ރާއްޖޭގައި ވެސް ސްރީލަންކާގައި އެފަދަ މަޝްރުއުތަކުގައި އަމަލު ކުރާ ގޮތަށް ޓެންޑަރަށް ނުލާ ދިނުން އެކަށިގެންވާ ކަމަށެވެ.

އަދި އެމައްސަލާގައި ކަން ހިނގާފައިވާ ގޮތުގެ ރިޕޯޓެއް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރަނިލް ވިކްރަމަ ސިންހަ ވިދާޅުވިއެވެ.

އައްޑޫގައި 2011 ވަނަ އަހަރު ބޭއްވި ސާކް ސަމިޓާ ދިމާކޮށް، ނޮވެމްބަރު 9، 2011 ގައި ރާއްޖޭގެ އޭރުގެ ރައީސް މުހައްމަދު ނަޝީދާއި ލަންކާގެ އޭރުގެ ރައީސް މަހިންދަ ރާޖަޕަކްސަ އިފްތިތާހުކޮށް ދެއްވި މަގު ހެދުމުގެ މަޝްރޫއަށް، ލަންކާ އިން 11 މިލިއަން ޑޮލަރު ހަރަދުކޮށްފައިވާ ކަމަށް ދިވެހި ސަރުކާރުން ކުރިން ބުނެފައިވެ އެވެ.