Last Updated: May 2, 21:43
Thursday, May 2, 2024
ޚަބަރު

ހައިވޭގައި ހަރުކުރި ސޯލާ ޕެނަލްތައް ނަގަނީ

ހުޅުމާލެ ހައިވޭގައި ސޯލާ ހަރުކުރަން ފެށުމުގެ ތެރެއިން / ފޮޓޯ: އެންވައިރޮމެންޓް މިނިސްޓްރީ

ހުޅުމާލެ-މާލެ ހައިވޭގައި ހަރުކުރި ސޯލާ ޕެނަލްތައް އެ ސަރަހައްދުން ނަގާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މުއިއްޒު ވިދާޅުވީ މާލެ އިން ހުޅުމާލެ އަށް އަންނައިރު ފެންނަން އޮތް ރީތި މަންޒަރު ހައިވޭގެ އަރިމަތީގައި ޖަހާފައިވާ ސޯލާ ޕެނަލް ޕްރޮޖެކްޓެއްގެ ސަބަބުން އެއްކޮށް ބަދަލުވެފައިވާ ކަމަށެވެ. އިޔާދަކުރަނިވި ހަކަތައަކީ މުހިއްމު ކަމެއް ކަމަށާއި އެކަން ކުރަން ރަނގަޅު ގޮތް އޮންނާނެކަން ފާހަގަކުރައްވަމުން މުއިއްޒު ވަނީ ހައިވޭގައި ހަރުކުރި ސޯލާ ޕެނަލްތައް އެތަނުން ނަގަން ގަސްދުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

އެ ސަރަހައްދުން ސޯލާ ޕެނަލްތައް ނެގުމަށްފަހު ރާއްޖޭގެ އެއް ރަށް ނުވަތަ ދެ ރަށް އެއްކޮށް އިޔާދަކުރަނިވި ހަކަތައިން ހިންގާ ގޮތަށް ބަދަލުކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި އޭރުން އޭގެ ބޭނުން އެންމެ ރަނގަޅަށް ހިފޭނެ ކަމަށާއި މިހާރު އެ ޕްރޮޖެކްޓު ހިންގާ ގޮތް ނިމުމަކަށް ގެންނާނެ ކަމަށްވެސް ވިދާޅުވި އެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ހައިވޭގައި 5.6 މެގަވޮޓްގެ ސޯލާ ހަކަތައިގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ތައިލެންޑުގެ ކުންފުންޏެއް ކަމަށްވާ އެންސިސް ކޯ ލިމިޓެޑާ އެވެ. އެ ކުންފުންޏަށް އެ މަސައްކަތް ހަވާލުކުރީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އަދި ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް އެ ކުންފުނިން ފަށައިފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ.

ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް ނިންމައި، އޭގެއިން ކަރަންޓު އުފައްދަން ފެށުމުން، ދައުލަތުން ތެލަށް ކުރާ ހޭދަ ބޮޑުތަނުން ދަށް ވެގެންދާނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ވަނީ ބުނެފަ އެވެ.