އެމެރިކަން ބްރޯޑްކާސްޓިން ކޯޕަރޭޝަން (އޭބީސީ) ޓީވީ ސީރީސް "ކުއަންޓިކޯ" ގެ ޕައިލޮޓް އެޕިސޯޑް ގެ ބަތަލާގެ ރޯލު ކުޅުމަށް ޕްރިޔާންކާ ޗޯޕްރާ ހަމަޖައްސައިފި އެވެ.
އެސީރީސް އަކީ އެފްބީއައި އަށް ރެކްރޫޓް ކުރާ ފަރާތްތައް ކުއަންޓިކޯގަ ޓްރޭނިންގައި ހޭދަ ކުރާ ދުވަސްތަކުގެ ހާދިސާތަކެއް ދައްކައިދޭ ސީރީސް އެކެވެ. ޕްރިޔާންކާ ޝޫޓިން ފަށަނީ ޖެކް މެކްލައުލިން އާ އެކުގަ އެވެ.
ޕްރިޔާންކާ "ކުއަންޓިކޯ" ގަ ކުޅެނީ އެފްބީއައި އެޖެންޓެއްގެ ރޯލެވެ.
ޓްރެއިނިން ކޭމްޕަށް އައުމާއެކު އޭނާގެ ކުރީގެ ކަންތައްތަކެއް ހާމަވެއެވެ. "ކުއަންޓިކޯ" ލިޔެފަވަނީ އެސީރީޒްގެ އެގްޒެކްޓިވް ޕޮރޮޑިއުސަ ޖޯސް ސަފްރަން އެވެ.
އޭބީސީގެ ޕައިލޮޓް އެޕިސޯޑެއްގަ ފުރަތަމަ ފަހަރަށް ބައިވެރިވާ ބޮލީވުޑްގެ ބަތަލާ ޕްރިޔާންކާ ބުނީ "އެކްޓަރެއްގެ ގޮތުން އަހަރެންގެ ހުނަރު ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރަން. އޭބީސީގަ އަހަރެން ބައިވެރިވުމަށް ހުށައެޅީ އޭބީސީގެ ކާސްޓިންގެ އިސް ފަރާތް ކެލީ ލީ. ކުއަންޓިކޯގެ ޕައިލޮޓް އެޕިސޯޑްގަ ކުޅަދާނަ އެކްޓަރުންނާ ޕްރޮޑަކްޝަން ޓީމަކާއެކު މަސައްކަތް ކުރަން ފުރުސަތު ލިބުނީތީ ވަރަށް އުފާވާ" ކަމަށެވެ.
އޭބީސީގަ މަސައްކަތް ކުރަން ފުރުސަތު ލިބިފައި ވިޔަސް ޕްރިޔާންކާ ބޮލީވުޑް ފިލްމުތަކުގެ މަސައްކަތްތައް ވެސް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ދިލް ދަޅަކް ނޭ ދޯ" އާއި "ބަޖިރާއޯ މަސްތާނީ" ހިމެނެ އެވެ.
