ފަލަސްތީނާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމައަކީ ދިގު އަދި އުނދަގޫ ހަނގުރާމައެއް ކަމަށް އިޒްރޭލަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.
ޓީވީ މެދުވެރިކޮށް ދެއްވި ހިތާބެއްގައި ނަތަންޔާހޫ ވިދާޅުވީ ހަނގުރާމައިގެ ފުރަތަމަ ހަފްތާތަކުގެ ތެރޭގައި ހަމާސް ޖަމާއަތް ވަރަށް ބޮޑަށް ބަލިކަށިކޮށްލެވިފައިވާ ކަމަށާއި އޭގެ ސަބަބުން ގާޒާ އަށް އެއްގަމު މަގުން އަރައިގަތުމަށް އިޒްރޭލަށް ރައްކާތެރިކަން ލިބިފައިވާ ކަމަށެވެ. އެގޮތުން ހުކުރު ދުވަހުގެރޭ ފެށިގެންދިޔައީ ހަނގުރާމައިގެ ދެވަނަ ފިޔަވަހި ކަމަށާއި ހަނގުރާމައިގެ މައިގަނޑު އަމާޒަކީ ހަމާސް ޖަމާއަތް އެއްކޮށް ބަލިކޮށްލުމަށްފަހު އެ ޖަމާއަތުން ރަހީނުކޮށްފައިވާ އިޒްރޭލު ރައްޔިތުން ސަލާމަތް ކުރުން ކަމަށް ނަތަންޔާހޫ ވިދާޅުވި އެވެ.
އެއްގަމު މަގުން ގާޒާގައި އިޒްރޭލުން ކުރާ ހަނގުރާމަ ވެގެންދާނީ އުނދަގޫ އަދި ދިގު ހަނގުރާމައަކަށް ކަމަށާއި އެކަންކަމަށް އިޒްރޭލުގެ އަސްކަރިއްޔާ އޮތީ ތައްޔާރަށް ކަމަށްވެސް ވިދާޅުވި އެވެ. އަދި މިވަގުތު ގާޒާގައި ތިބި އިޒްރޭލުގެ އެއްވެސް ސިފައިންގެ މީހަކު އަނބުރާ ގައުމަށް ނުގެންނާނެ ކަމަށާއި އިޒްރޭލު އޮތީ ދޫދޭ ގޮތަކަށް ނޫން ކަމަށް ނަތަންޔާހޫ ވިދާޅުވި އެވެ.
މީގެއިތުރުން ނަތަންޔާހޫ ވަނީ އިޒްރޭލުން ހަނގުރާމައިގެ ޖަރީމާތައް ހިންގާ ކަމަށް ބުނާ ވާހަކަތަކަށް ވެސް ރައްދު ދީފަ އެވެ. އެގޮތުން އޭނާ ވަނީ އެފަދަ ވާހަކަތައް ދައްކަމުން އަންނަނީ ދޮގުވެރިން ކަމަށް ވިދާޅުވެފަ އެވެ.
އިޒްރޭލާއި ހަމާސް ޖަމާއަތުން ކުރަމުންދާ ހަނގުރާމަ ހުއްޓާލަން ދުނިޔޭގެ ގިނަ ގައުމުތަކަކުން ގޮވާލަމުންދާއިރު އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލާތައް ފާއިތުވި ދުވަސްތަކުގައި ވަނީ އިތުރަށް ވަރުގަދަކޮށްފަ އެވެ. އެގޮތުން ގާޒާ އަށް ހުއްޓުމެއް ނެތި ދިން ހަމަލާތަކުގެ ސަބަބުން ގާޒާ އިން ވަނީ އިންޓަނެޓާއި ފޯނުގެ ހިދުމަތް ވެސް މިހާރު ކެނޑިފަ އެވެ.
މި މަހުގެ 7 އިން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް ވަނީ 8،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފަ އެވެ.