Last Updated: June 13, 06:05
Saturday, June 13, 2026
ޚަބަރު

ނަޝީދު ވަކިކުރާ ޖަލްސާ ބޭއްވޭ ގޮތެއް ނުވި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި މަގާމުން ވަކިކުރަން މިއަދަށް އެޖެންޑާކުރި ޖަލްސާ ބޭއްވޭ ގޮތެއް ނުވި އެވެ.

އެ ޖަލްސާ ނުބޭއްވުނީ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ ގޮތަށް އޮތް ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ އެވެ. އީވާ އަކީ ނަޝީދަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ. ނަޝީދުގެ އިތުރުން، އީވާ ވެސް މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން ވަކިކުރަން އެމްޑީޕީން ކުރިން ހުށަހެޅި އެވެ.

ނަޝީދު މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރަން ހުށަހެޅީ އެމްޑީޕީގެ 49 މެމްބަރުން ސޮޔާ އެކީގަ އެވެ.

މަޖިލީހުން މިއަދު ބުނީ ޖަލްސާ ނަޝީދު ވަކިކުރަން އެޖެންޑާކުރި ޖަލްސާ ނުބޭއްވުނީ ނަމަވެސް، މިދިޔަ ހަފުތާ އިން ފެށިގެން އީވާ އާލާސްކަންފުޅާ އުޅުއްވާތީ ކަމަށެވެ. އެހެންވެ އީވާ އޮތީ މަޖިލީހަށް ސަލާން ފޮނުވައްވައިފަ އެވެ

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ރިޔާސަތު ބަލަހައްޓަވަން ވާނީ މަޖިލީހުގެ ނައިބު ރައީސެވެ.

އެމްޑީޕީން އޮތީ ނަޝީދު މައްޗަަށް އިތުބާރު ނެތް ވޯޓެއް ނަގަން ތުރީލައިން ވިޕެއް ނެރެފަ އެވެ. އަދި މަޖިލީހުގެ އެހެން މަސައްކަތެއް ކުރިއަށް ގެންދެވޭނީ އެ މައްސަލަ ކޮޅެއްގައި ޖެއްސުމަށް ފަހު ކަމަށް މަޖިލީހުގެ މެޖޯރިޓީ ޕާޓީން ބުނެފައިވެ އެވެ.

ނަޝީދުގެ މައްސަލައިގައި ގޮތެއް ނުނިންމާތީ ގާނޫނީ ދާއިރާގެ ބައެއް ބޭފުޅުން ގެންދަވަނީ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ. ސަބަބަކީ އަންނަ މަހުގެ 17 ގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރައްވަން ހަމަޖެހިފައިވާތީ އެވެ. އެހެންވެ އޭގެ ކުރިން އެ މައްސަލަ ނިންމުން މުހިއްމު ކަމަށް ކުރީގެ އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲދީދީ ވިދާޅުވެފައިވެ އެވެ.

އެމްޑީޕީން ބުނެފައި ވަނީ ނަޝީދު ރިޔާސަތި ހުންނަވައިގެން މުއިއްޒު ރައީސްކަމުގެ ހުވާކުރައްވައިފި ނަމަ އެ ހުވާ ބަލައިނުގަންނާނެ ކަމަށާއި މުއިއްޒުގެ ކެބިނެޓަށް މަޖިލީހުން ރުހުން ވެސް ނުދޭނެ ކަމަށެވެ.

މިކަމާ ގުޅިގެން ޕީޕީއެމް/ޕީއެންސީން ބުނެފައި ވަނީ ހުވާ އަށް އެއްވެސް ބަޔަކަށް ހުރަސް ނޭޅޭނެ ކަމަށެވެ.