ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު ކުރިއަށް ނުގެންދެވުމުން މާދަމާގެ ޖަލްސާއަށް އެ މައްސަލަ އެޖެންޑާ ކުރުމަށް ނިންމައިފިއެވެ.
ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން ހުށަހަޅާފައިވަނީ 49 މެންބަރުންގެ ސޮޔާއެކުއެވެ.
އެ މައްސަލަ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާއިރު، މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވުނީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ މަޖިލީހަށް ހާޒިރުނުވުމުންނެވެ. އެކަން މަޖިލީހުގައި ހާމަކުރައްވާ އަމީން އާންމު ވިދާޅުވީ މަޖިލީހުގެ ގަވައިދު ބުނާ ގޮތުން ރައީސްގެ އިތުބާރު ނެތްކަމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ ނައިބު ރައީސް ކަމަށް މަޖިލީހުގެ ގަވައިދުގައި ބަޔާން ކުރާ ކަމަށެވެ.
މަޖިލީހުގައި މެންބަރުންނާ ވާހަކަ ދައްކަވަމުން އަމީން އާންމު ވަނީ މާދަމާގެ މަޖިލީހުގެ ޖަލްސާއަށްވެސް ނަޝީދު ވަކިކުރުމުގެ މައްސަލަ އެޖެންޑާ ކުރައްވާނެކަން ހާމަކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ 49 މެންބަރަކު ސޮއިކޮށް ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ މިމަހުގެ 9 ވަނަ ދުވަހުއެވެ. އޭގެ ފަހުން އެ މައްސަލައިގައި ރައީސް ނަޝީދަށް އަރުވަންޖެހޭ 14 ދުވަހުގެ ނޯޓިސްވެސް މަޖިލީހުން ވަނީ ދީފައެވެ. މަޖިލީހުގެ ގަވައިދު ބުނަނީ ނޯޓިސް އަރުވާތާ 14 ދުވަސް ފަހުން މައްސަލަ އެޖެންޑާ ކުރަންޖެހޭނެ ކަމަށެވެ.
އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމުގައި އާންމު ކޮމިޓީން ނިންމާފައިވަނީ މައްސަލައިގެ ޖުމުލަ ބަހުސަށް ދެ ގަޑިއިރު ދިނުމަށެވެ. އަދި ޖަވާބުދާރީ ވުމަށް ބަހުސްގެ ފެށުމުން، މެދުތެރެއިން އަދި ނިމުމުން ރައީސް ނަޝީދަށް 10 މިނެޓްގެ ތިން ފުރުސަތު ދިނުމަށް ވަނީ ނިންމާފައެވެ.