އެކްޓިންއާ ދޭތެރޭ ސީރިއަސްކޮށް ވިސްނާ ކަމަށާއި އެހެންވެ ކުރިއަށް އޮތް ތަނުގައި ވެސް ފިލްމުތަކުން ފެނިދާނެކަމުގެ އިޝާރާތެއް، އިންޑިއާގެ މަޝްހޫރު ބަތަލާ ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދުރާ ދީފި އެވެ.
އޭނަގެ ފުރަތަމަ ފިލްމަކީ އަންނަ މަހުގެ 3 ގައި ސިނަމާތަކަށް ގެންނަ ބައޮގްރަފިކަލް ޑްރާމާ "ޔޫޓީ 69" އެވެ. މި ފިލްމަކީ ބަރަހަނާ ފިލްމު ހަދައި އޭފެ ވިޔަފާރިކުރިކަމުގެ ތުހުމަތުގައި މިދިޔަ އަހަރު ރާޖް ހައްޔަރުކޮށް ޖަލުގައި ހޭދަކުރި 63 ދުވަހަށް ބިނާކޮށް ހަދާފައިވާ އެއްޗެކެވެ.
މީގައި ސީދާ ރާޖް އޭނަގެ ކެރެކްޓާ ކުޅެފައިވާ އިރު، ފިލްމުގެ ޕްރޮމޯޝަންގެ ތެރެއިން ޕިންކްވިލާ އަށް ދިން އިންޓަވިއުއެއްގައި އޭނަ ބުނީ "ޔޫޓީ 69" ގެ ޓްރެއިލާ ބަލާފައި އަންހެނުން ޝިލްޕާ ވެސް ވަރަށް ހިތްހަމަޖެހުނު ކަމަށެވެ. އަދި އޭނަގެ އެކްޓިން ވަރަށް ރަނގަޅުކަން ޝިލްޕާ ފާހަގަކުރި ކަމަށް ރާޖް ބުންޏެވެ.
މި ފިލްމަށް ފަހުން، އިތުރު ފިލްމުތަކުން ފެނިދާނެތޯ އެހުމުން ރާޖް ބުނީ ނޫނެކޭ ނުބުނާނެ ކަމަށެވެ.
"މީގެ ކުރިން ނުކުރާނަމޭ ނޫނީ ނުވާނޭ ބުނީ ބައެއް ކަންކަން ފަހުން ކުރަން ޖެހިފައި އެބަހުރި. އެހެންވީމަ އިތުރު ފިލްމުތަކަކުން ނުފެންނާއެކޭ ނުބުނާނަން،" އޭނަ ބުންޏެވެ. "ދެން ބަލަމާ ވާ ގޮތެއް. ފުރުސަތުތައް ފަހިވާ ގޮތަކަށް ކަންނޭނގޭ އެކަން ބިނާ ވަނީ. އަސްލު އެކްޓިން އަކީ ހަމަ ވަރަށް ގަޔާވާ ކަމެއް."
ރާޖް ބުނި "ޔޫޓީ 69" އަކީ އެއަށް ތައްތާރުވުމުގެ ގޮތުން ވަރަށް ބޮޑަށް އެކްޓިން ވޯކްޝޮޕްތަކެއް ވެސް ބާއްވައި އެންމެ 19 ދުވަހުން ޝޫޓްކުރި ފިލްމެއް ކަމަށެވެ. އޭނަ ކިޔައިދިން ގޮތުގައި އުމުރުން 18 ގައި އިނގިރޭސިވިލާތުގެ ލަންޑަންގައި ވެސް އެކްޓިން ކްލާހަކަށް ގޮސް، ތިން މަސް ދުވަހުގެ ޓްރެއިނިން ޕްރިގްރާމެއް ފުރިހަމަކުރި އެވެ. އަދި އެ އެކްޓިން ކުލާހަކީ ކުރީގެ މަޝްހޫރު ބަތަލާ ޕަދުމިނީ ކޯލަޕޫރީ ހިންގި ކްލާހެއް ކަމަށް ވެސް ބުންޏެވެ.
"އަބަދު ވެސް ފިލްމުތަކަށް، ހާއްސަކޮށް ބޮލީވުޑްގެ ފިލްމުތަކަށް ވަރަށް ފޯރި ހުރޭ. ފިލްމުތައް ގެނެސްގެން އަހަރެމެން ގޭގައި ފިލްމު ބެލުމުގެ ފޯރި ވަރަށް ގަދައަށް އޮވޭ ބޮޑުވަމުން އައި ދުވަސްވަރު،" އިނގިރޭސިވިލާތުގައި އުޅެ ބޮޑުވި، ރާޖް ބުންޏެވެ. "ހިންދީ ބަސް ވެސް އަސްލު ދަސްވީ ބޮލީވުޑްގެ ފިލްމުތައް ބަލައިގެން."
ޝިލްޕާއާ އެކީ ފިލްމަކުން ފެނިދާނެތޯ އެހުމުން ސަމާސާއަކަށް ރާޖް ބުނީ އޭނަ އަކީ އަދި ކިރިޔާ އެކްޓިން އަށް ނުކުތް މީހެއް ކަމަށާއި އޭ-ލިސްޓް ތަރިން އެފަދަ އެކްޓަރުންނާ އެކީ ފިލްމު ކުޅެން އެެއްބަސް ނުވާނެ ކަމަށެވެ.
ރާޖްގެ ޖަލު ދުވަސްތައް ދައްކުވައިދޭ ފިލްމު "ޔޫޓީ 69" ގެ ޑައިރެކްޓަރަކީ ޝާހްބާޒް އަލީ އެވެ. މީގެ ސްކްރީންޕްލޭ ލިޔުނީ "ރާޒް" ފަދަ ފިލްމުތައް ގެނެސްދިން ވިކްރަމް ބަޓެވެ.