ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލައިގައި ކޯޓަށް ދިއުމާ ގުޅޭގޮތުން އެމްޑީޕީން މަޝްވަރާ ފަށައިފިއެވެ.
ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރިނަމަވެސް ނައިބު ރައިސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ މަޖިލީހަށް ހާޒިރުނުވުމުން މިއަދުގެ ޖަލްސާ ބޭއްވޭ ގޮތް ވަނީ ނުވެފައެވެ.
އެކަމާ ގުޅިގެން އެމްޑީޕީގެ ބައެއް މެންބަރުން މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި މައްސަލަ ކުރިއަށް ގެންދިއުމަށް ގޮތެއް ހޯދުމަށް ސުޕްރީމް ކޯޓަށް ދިއުމާ މެދު ގޮތެއް ނިންމުމަށް އެމްޑީޕީގެ ސެކްރެޓޭރިއޭޓާއެކު މަޝްވަރާކޮށް ގޮތެއް ނިންމަވާނެ ކަމަށެވެ.
ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން ހުށަހަޅާފައިވަނީ 49 މެންބަރުންގެ ސޮޔާއެކުއެވެ. މަޖިލީހުގެ ގަވައިދު ބުނާގޮތުން ރައީސްގެ އިތުބާރު ނެތްކަމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ ނައިބު ރައީސްއެވެ.
އިތުބާރު ނެތްކަމުގެ ޖަލްސާ މިއަދު ކުރިއަށް ނުގެންދެވުމަށް މާދަމާގެ ޖަލްސާއަށް އެ މައްސަލަ އެޖެންޑާކުރައްވާނެކަން މަޖިލީހުގެ އަމީން އާންމު ވަނީ މިއަދު އިއުލާނު ކުރައްވާފައެވެ.