Last Updated: May 1, 20:45
Thursday, May 2, 2024
ޚަބަރު

އައްޑޫގެ އާ ބިންތަކުގެ އެލްޔޫޕީ އަލުން ބީލަމަށް

ހިތަދޫން ބިން ހިއްކި ސަރަހައްދެއް. ފޮޓޯ/ އަލީ ނާސިރު

އައްޑޫގެ ތިން އަވަށަކުން ހިއްކާފައިވާ ބިންތަކުގެ ލޭންޑް ޔޫޒް ޕްލޭން އެލްޔޫޕީ) ހަދައި ދޭނެ ބަޔަކު ހޯދަން ކައުންސިލުން އަލުން ބީލަމަށް ހުޅުވާލައިފި އެވެ.

މި މަސައްކަތް ފުރަތަމަ ބީލަމަށްލީ މިދިޔަ މަހުގެ ކުރީކޮޅު އެވެ. ނަމަވެސް އެ ބީލަން ބާތިލުކޮށް އަލުން ފުރުސަތު ހުޅުވައިލީ ކަމަށް ކައުންސިލުން ބުންޏެވެ.

ކައުންސިލުން ބުނީ އެތަނުން ދޭ މައުލޫމާތުތަކާ އެއްގޮތަށް ހިތަދު އާއި މަރަދޫގެ އިތުރުން މަރަދޫފޭދޫން ހިއްކި ބިންތަކުގެ ލޭންޑް ޔޫޒް ޕްލޭން ހަދައި ދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 14 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މި ބީލަމުގައި ބައިވެރިވާން މިއަދުން ފެށިގެން އަންނަ މަހުގެ 2 އާ ހަމައަށް ވަނީ ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.

ރަޖިސްޓްރީ ވާނީ ކުންފުނި ނުވަތަ ވިޔަފާރީގެ ނަމާއި ފޯން ނަންބަރު އަދި މެއިލް އެޑްރެސް މި މެއިލަށް tender@adducity.gov.mv ފޮނުވައިގެންނެވެ. ކައުންސިލުން ލޭންޑް ޔޫޒް ޕްލޭން ހަދަން ބީލަން ހުށަހެޅޭނީ އެ ބާވަތުގެ ވިޔާފާރިކުރުމަށް ރެޖިސްޓްރީކުރެވިފައިވާ ފަރާތްތަކަށް ކަމަށެވެ.

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ތި އަވަށަކުން ބިން ހިއްކުމުގެ އިތުރަށް ޓޫރިޒަމަށް ހާއްސަކޮށްގެން މުޅިން އަލަށް ތިން ރަށް ވެސް ހިއްކާފައިވެ އެވެ. ކައުންސިލުން ބުނެފައި ވަނީ ތިން އަވަށުން ހިއްކި ބިންތަކުން ބޯހިޔާވަހި ކަމަށް ވެސް ބިންތަކެއް ހާއްސަކުރާ އިރު، ސިނާއީ އެކިއެކި މަސައްކަތްތަކަށް ވެސް ބިން ކަނޑައަޅާނެ ކަމަށެވެ.

ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދިޔައީ ނެދަލޭންޑްސްގެ ވެން އޫޑް ކުންފުނިންނެވެ.