ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ތަރުޖަމާން އަލީ ނަޒީރުގެ ފާޑުކިޔުން ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު އަލްއުސްތާޛާ ފާތިމަތު ނިޔުޝާއަށް އަމާޒުވެއްޖެއެވެ.
ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ފަރާތުން ހުށަހެޅުމުން މިއަދު ވަނީ އެ މައްސަލަ ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ޖަލްސާ އެޖެންޑާކޮށްފައެވެ. އެހެންނަމަވެސް އެ ޖަލްސާ ކުރިއަށް ނުގެންދެވުނީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވަޑައިނުގަތުމުންނެވެ. މަޖިލީހުގެ ގަވައިދުގައި ބުނެފައިވަނީ މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްގެންދާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ވާނީ ނައިބު ރައީސް ކަމަށެެވެ.
މި ޖަލްސާ ކުރިއަށް ނުގެންދެވުމުން މަޖިލީހުގެ އަމީން އާންމުއަށް ފާޑުވިދާޅުވެ ކުރެއްވި ޓްވީޓެއްގައި އަލީ ނަޒީރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ހިނގުން ހުއްޓޭގޮތަށް މަޖިލީހުގެ އަމީންއާންމު ޤާނޫނުއަސީސީއާއި ޤާނޫނުތައް މާނަކުރުމަކީ ކޮށްގެންވާނެކަމެއް ނޫން ކަމަށެވެ. އަދި މިފަދަ ހައްސާސް ދަނޑިވަޅެއްގައި ނޭއްގާނީ ވިސްނުން އިސްކުރުމުން ދޭހަވަނީ އެކަމަނާގެ އަދުލުވެރިކަން ގެއްލިފައިވާކަން ކަމަށް އަލީ ނަޒީރު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިނގުން ހުއްޓޭގޮތަށް މަޖިލީހުގެ އަމީންއާންމު ޤާނޫނުއަސީސީއާއި ޤާނޫނުތައް މާނަކުރުމަކީ ކޮށްގެންވާނެކަމެއް ނޫން. ވަކިން ޚާއްސަކޮށް މިފަދަ ހައްސާސް ދަނޑިވަޅެއްގައި ނޭއްގާނީ ވިސްނުން އިސްކުރުމުން ދޭހަވަނީ އެކަމަނާގެ ޢަދުލުވެރިކަން ގެއްލިފައިވާކަން.
— Ali Nazeer (@alynazeer) October 29, 2023
އެމްޑީޕީގެ 49 މެންބަރުންގެ ސޮޔާއެކު އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވާއިރު، މިއަދު އެ ޖަލްސާ ކުރިއަށް ނުގެންދެވުމުން މާދަމާ އެ ޖަލްސާ ކުރިއަށް ގެންދެވޭތޯ އެ މައްސަލަ އެޖެންޑާ ކުރައްވާނެކަން އަމީން އާންމު ވަނީ އިއުލާނު ކުރައްވާފައެވެ.
މި މައްސަލައިގައި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ތަރުޖަމާން އަލީ ނަޒީރުގެ ފާޑުކިޔުން މަޖިލީހުގެ އަމީން އާންމުއަށް އަމާޒުވެފައިވާއިރު، މިހާރު ހިނގާ ރައްޔިތުންގެ މަޖިލީހުގައި އަދާލަތު ޕާޓީ ތަމްސީލުކުރާ އެއްވެސް މެންބަރަކު ނުއިންނަވައެވެ.