Last Updated: May 8, 20:49
Thursday, May 8, 2025
ޚަބަރު

މަޖިލީހަށް ގިނަ އަންހެނުން ވާދަކުރަން އެދިވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވީހާވެސް ގިނަ އަންހެން ބޭފުޅުން ވާދަކުރެއްވުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަަޑައިގެންފިއެވެ.

ޑރ. މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވީހާވެސް ގިނަ އަންހެން ބޭފުޅުން ބައިވެރިވެ ހޮވިގެން ދިޔުމަކީ ވަރަށް އެދޭ ކަމެއް ކަމަށެވެ.

އެގޮތުން މިގޮތުން، ޕީޕީއެމް ޕީއެންސީއިން މަޖިލީހުގެ މަދުވެގެން 20 އިންސައްތަ ގޮޑިއަށް އަންހެން ބޭފުޅުން ކުރިމަތިލާ ހޮވުމަށް މަސައްކަތްކުރުމަށް ޑރ. މުއިއްޒު ވަނީ ގޮވާލައްވާފައެވެ.

"އަދި، މިކަމަށް ހިތްވަރު ދިނުމުގެ ގޮތުން، ޕީ.ޕީ.އެމް/ޕީ.އެން.ސީ އިން މަޖިލީހަށް ހޮވޭ ކޮންމެ އަންހެން މެންބަރަކަށް މަޖިލީހުން ލިބޭ މުސާރަޔާއި އެލަވަންސްގެ އިތުރުން ޕާޓީއިން ޚާއްސަ އެލަވަންސެއް ދޭގޮތަށް ހަމަޖައްސަން އަޅުގަނޑު މަސައްކަތް ކުރާނެ ވާހަކަ ދަންނަވަން." ޑރ. މުއިއްޒުގެ ޓްވީޓްގައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން މީގެކުރިން ބުނެފައިވަނީ މަޖިލީހުގެ އިންތިޚާބު ބޭއްވޭނީ އަންނަ މަހުގެ މާޗް މަހުގެ ފަހުކޮޅު ނުވަތަ އޭޕްރީލް މަހުގެ ކުރީކޮޅު ކަމަށެވެ.

މި ހިނގާ ރައްޔިތުންގެ މަޖިލީހުގައި ތިއްބަވަނީ އަންހެން 4 މެންބަރުންނެވެ.