Last Updated: July 24, 06:24
Friday, July 24, 2026
މުނިފޫހިފިލުވުން

ޕާކިސްތާނުން އޮސްކާ އަށް ބިރުވެރި ފިލްމެއް

އަންނަ އަހަރު ބާއްވާ 96 ވަނަ އޮސްކާ އެވޯޑްސްގެ އެންމެ މޮޅު ބޭރު ފިލްމު ކެޓަގަރީ އަށް ޕާކިސްތާނުން ބިރުވެރި ފިލްމެއް ހުށަހަޅައިފި އެވެ.

"އިން ފްލޭމްސް" ކިޔާ މި ފިލްމަކީ މި އަހަރުގެ ކާންސް ފިލްމު ފެސްޓިވަލާއި ޓްރޮންޓޯ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް (ބީއައިއެފްއެފް) ގައި ވެސް ޕްރީމިއާކުރި އެއްޗެކެވެ. މި ފިލްމަކީ މީގެ ކުރިން ގިނަ ކުރު ފިލްމުތަކެއް ޑައިރެކްޓްކުރި ޒައްރާރު ކާން ލިޔެ، ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ. ޖިންނި އަވާލާފައިވާ ޒުވާން އަންހެނެއްގެ ވާހަކަ ކިޔައިދޭ "އިން ފްލޭމްސް" ގެ މައިގަނޑު ރޯލުތައް ކުޅެފައި ވަނީ ރަމޭޝާ ނަވާލް އާއި ބަޚްތަވާރް މަޒްހަރެވެ.

މި ފިލްމަކީ ޕާކިސްތާނުން އޮސްކާ އަށް ފޮނުވި 11 ވަނަ ފިލްމެވެ. މި އަހަރުގެ މާޗް 12 ގައި ބޭއްވި 95 ވަނަ އޮސްކާ އަށް އެ ގައުމުން ފޮނުވީ ޕާކިސްތާނުގައި ދެއްކުން މަނާކުރި "ޖޯއި ލޭންޑް" އެވެ. ބެސްޓް އިންޓަނޭޝަނަލް ފީޗާ ފިލްމު ކެޓަގަރީ އަށް ޝޯޓްލިސްޓްވި އެ ފިލްމަކީ ޒުވާނަކު، ޓްރާންސްޖެންޑާ އަންހެން ނެށުންތެރިއަކާ ކައިވެނިކުރުމުން ދިމާވާ ހާދިސާތަކެއް ދައްކުވައިދޭ އެއްޗެކެވެ.

ޗައިނާ އިން އަންނަ އަހަރުގެ އޮސްކާ އަށް ފޮނުވަން ނިންމި ފިލްމަކީ 2019 ގެ ސައިންސް ފިކްޝަން ފިލްމު "ދަ ވެންޑެރިން އާތު" ގެ ސީކްއެލް "ދަ ވެންޑެރިން އާތު 2" އެވެ. މިއީ ފްރާންޓް ގުވޯ ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ.

ޗައިނާ އިން އެންމެ ފުރަތަމަ އޮސްކާ އަށް ފިލްމެއް ފޮނުވީ 1979 ގަ އެވެ. މި އަހަރަކީ އެ ގައުމުން ފިލްމެއް ފޮނުވި 20 ވަނަ ފަހަރެވެ.

މި އަހަރު ބޭއްވި އޮސްކާގައި އެންމެ މޮޅު ބޭރު ފިލްމުގެ އެވޯޑް ގެންދިޔައީ ޖަރުމަންގެ "އޯލް ކްއައިޓް އިން ދަ ވެސްޓަން ފްރޮންޓް" އެވެ.

އަންނަ އަހަރުގެ އޮސްކާ އެވޯޑް ހަފުލާ އޮންނާނީ މާޗް 10 ގަ އެވެ.