Last Updated: July 17, 18:07
Saturday, July 18, 2026
ދުނިޔެ

ޕެންސް އިންތިހާބުގައި ވާދަ ނުކުރަން ނިންމައިފި

އަންނަ އަހަރު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިހާބަށް ވާދަކުރައްވަން ނިންމަވައި ކެމްޕޭން ވެސް ކުރައްވަމުން ގެންދެވި ކުރީގެ ނައިބު ރައީސް މައިކް ޕެންސް ރިޔާސީ ރޭސް ދޫކޮށްލައްވައިފި އެވެ.

ޕެންސަކީ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި ނައިބު ރައީސެވެ. އެއީ 2016-2020 އަށެވެ.

އޭނަ ރިޕަބްލިކަން ޕާޓީގެ ފަރާތުން އަންނަ އަހަރުގެ އިންތިހާބުގައި ވާދަކުރައްވަން ނިންމަވައި، ކެމްޕޭން ރަސްމީކޮށް ލޯންޗްކުރެއްވީ ޖުލައި 7 ގަ އެވެ. އަދި ރިޔާސީ ރޭހުން ވަކިވެވަޑައިގެން، ކެމްޕޭން ވެސް ހުއްޓަވާލެއްވިކަން އިއުލާންކުރެއްވީ ލަސް ވެގަސްގައި އިއްޔެ އޮތް އިވެންޓެއްގަ އެވެ.

އެ އިވެންޓްގައި ޕެންސް ވިދާޅުވީ އިިންތިހާބުގައި ވާދަކުރެއްވުމަކީ ފަސޭހަ ކަމެއް ނޫން ކަމަށް ގަބޫލުކުރައްވާ ކަމަށާއި ރިޔާސީ ރޭހަށް ނުކުންނެވީ ވެސް އެކަން އެނގިވަޑައިގެން ހުންނަވައި ކަމަށެވެ.

"އެކަމަކު ކެމްޕޭން ކުރުމަށް ފަހު ރިޔާސީ ރޭހުން ވަކިވާ އިރު އަހަރެން ދެރަވާ ކަމެއް ނެތް." އޭނަ ވިދާޅުވި އެވެ.

ޕެންސް އިންތިހާބުގައި ވާދަނުކުރައްވަން ނިންމެވި އެންމެ ބޮޑު ސަބަބަކީ ކެމްޕޭނަށް ފަންޑް ލިބުން ދަތިވުމާއި މިހާތަނަށް ނެގި ހިޔާލު ހޯދުމުގެ ވޯޓްތަކުން އޭނަ އަށް އޮތް ތާއީދު ވެސް ދަށްކަމުންނެވެ.

ރިބަޕްލިކަން ޕާޓީގެ ފަރާތުން އިންތިހާބަށް ވާދަކުރައްވަން އިއުލާންކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ޓްރަމްޕްގެ އިތުރުން ފްލޮރިޑާގެ ގަވަރުނަރު ރޮން ޑިސެންޓިސް އާއި ސައުތު ކެރޮލައިނާގެ ކުރީގެ ގަވަރުނަރު ނިކީ ހޭލީ އާއި ވިޔަފާރިވެރިއެއް ކަމަށްވާ ވިވެކް ރަމަސްވާމީ ހިމެނިވަޑައިގަންނަވަ އެވެ.

ނަމަވެސް ޓްރަމްޕްގެ މައްޗަށް އުފުލާފައިވާ ދައުވަތަކާ ހެދި އޭނަ އަށް ވާދަކުރެއްވޭނެކަމާ ދޭތެރޭ އޮތީ ސުވާލު އުފެދިފަ އެވެ. އަނެއްކޮޅުން ރިޕަބްލިކަން ޕާޓީގެ ފަރާތުން އޭނަ އަށް އޮތް ވާދަވެރިކަން ވެސް ބޮޑެވެ.

ޕެންސް، 64، ރިޔާސީ ރޭހުން ފެއަށްވަޑައިގަތް ނަމަވެސް ވަކި ބޭފުޅަކަށް ތާއީދުކުރައްވަން އަދި ނުނިންމަވަ އެވެ.

އަންނަ އަހަރުގެ އިންތިހާބުގައި އެމެރިކާގެ މިހާރުގެ ރައީސް އަދި ޑިމޮކްރެޓިކް ޕާޓީ އަށް ނިސްބަތްވާ ޖޯ ބައިޑެން ވެސް ވާދަކުރައްވާނެ އެވެ.