ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކުރި ޖަލްސާއަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާން ފޮނުވީ ޑެންގޫ ހުމަށް ޕޮޒިޓިވްވެ އުޅުއްވާތީކަން އެނގިއްޖެއެވެ.
އީވާ މަޖިލީހަށް ސަލާން ފޮނުވާ ހާޒިރުނުވުމުން މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވުނެވެ.
އެކަމާ ގުޅިގެން މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަލީ އާޒިމް ކުރެއްވި ޓްވީޓެއްގައި ވަނީ ނައިބު ރައީސް އީވާ އަބްދުﷲ ސޮއި ކުރައްވާ މަޖިލީހުގެ އަމީން އާންމުއަށް އިއްޔެ ފޮނުއްވި ސިޓީއެއް އާންމު ކުރައްވާފައެވެ.
އެ ސިޓީގައި އީވާ ވިދާޅުވެފައިވަނީ ޑެންގޫ ހުމަށް ޕޮޒިޓިވް ވެފައިވާތީ މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާއަށް، މަޖިލީހުގެ ގަވައިދުގެ 246 ވަނަ މާއްދާގެ ދަށުން ސަލާން ފޮނުވާ ކަމަށެވެ. ސިޓީގައި އީވާ ވިދާޅުވެފައިވަނީ އެ ސިޓީއާއެކު މެޑިލް އަދި ބްލަޑް ރިޕޯޓްވެސް މަޖިލީހަށް ފޮނުވާކަމަށެވެ.
މިއަދުގެ ޖަލްސާއަކީ ހައްސާސް މައްސަލައެއް އެޖެންޑާ ކޮށްފައިވާ ޖަލްސާއަކަށްވާތީ ސިޓީއާއި ލިޔުންތައް މަޖިލީހުގެ މެޖޯރިޓީ ލީޑަރު މުހައްމަދު އަސްލަމާވެސް ހިއްސާ ކޮށްދެއްވުމަށް އީވާ އެދިވަޑައިގެންފައިވެއެވެ.
މަޖުލީހުގެ ނައިބު ރައީސް @evattey އަކީ އެންމެ މަދުން
މަޖިލީހަށް ސަލާން ވިދާޅުވެފައިވާ އެއްބޭފުޅާ. ދެވަނަ ބްލަޑް
ރިޕޯޓެއް ހެއްދެވީވެސް ކިރިޔާވެސް ރަނގަޅުނަމަ
މަޖިލީހަށް ވަޑައިގަތުމުގެ މަގްސަދުގައި. ދެ މެޑިކަލް
ރިޕޯޓް މަޖިލީހުގެ މެޖޯރިޓީ ލީޑަރ @aslamdp އަށް
ވަނީ ފޮނުއްވާފައި https://t.co/iOu0do3d5u pic.twitter.com/OJbngGEUu0
— 𝐀𝐥𝐢 𝐀𝐳𝐢𝐦 (@aliaazim) October 29, 2023
އްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ 49 މެންބަރަކު ސޮއިކޮށް ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ މިމަހުގެ 9 ވަނަ ދުވަހުއެވެ. އޭގެ ފަހުން އެ މައްސަލައިގައި ރައީސް ނަޝީދަށް އަރުވަންޖެހޭ 14 ދުވަހުގެ ނޯޓިސްވެސް މަޖިލީހުން ވަނީ ދީފައެވެ. މަޖިލީހުގެ ގަވައިދު ބުނަނީ ނޯޓިސް އަރުވާތާ 14 ދުވަސް ފަހުން މައްސަލަ އެޖެންޑާ ކުރަންޖެހޭނެ ކަމަށެވެ. އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމުގައި އާންމު ކޮމިޓީން ނިންމާފައިވަނީ މައްސަލައިގެ ޖުމުލަ ބަހުސަށް ދެ ގަޑިއިރު ދިނުމަށެވެ. އަދި ޖަވާބުދާރީ ވުމަށް ބަހުސްގެ ފެށުމުން، މެދުތެރެއިން އަދި ނިމުމުން ރައީސް ނަޝީދަށް 10 މިނެޓްގެ ތިން ފުރުސަތު ދިނުމަށް ވަނީ ނިންމާފައެވެ.
ޖަލްސާ މިއަދު ކުރިއަށް ނުގެންދެވުމުން މާދަމާގެ ޖަލްސާއަށްވެސް ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރައްވާނެކަން އަމީން އާންމު ވަނީ އިއުލާނު ކުރައްވާފައެވެ.