Last Updated: May 8, 20:49
Thursday, May 8, 2025
ޚަބަރު

އެމްޑީޕީ މެންބަރުން މަޖިލިސް ތަޅުމުގައި އިހުތިޖާޖު ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވުމުން އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖުކުރަން ފަށައިފިއެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން ހުށަހަޅާފައިވަނީ 49 މެންބަރުންގެ ސޮޔާއެކުއެވެ.

އެ މައްސަލަ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާއިރު، މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވުނީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ މަޖިލީހަށް ހާޒިރުނުވުމުންނެވެ. އެކަން މަޖިލީހުގައި ހާމަކުރައްވާ އަމީން އާންމު ވިދާޅުވީ މަޖިލީހުގެ ގަވައިދު ބުނާ ގޮތުން ރައީސްގެ އިތުބާރު ނެތްކަމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ ނައިބު ރައީސް ކަމަށް މަޖިލީހުގެ ގަވައިދުގައި ބަޔާން ކުރާ ކަމަށެވެ.

މި މައްސަލަ މިއަދު ކުރިއަށް ނުގެންދެވުމުން އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން އަންނަނީ މަޖިލީހުގެ ތަޅުމުން ނިކުމެވަޑައިނުގެން ތަޅުމުގައި ތިއްބަވާ އިހުތިޖާޖު ކުރައްވަމުންނެވެ. އެމްޑީޕީގެ މެންބަރުން ތަޅުމުގައި އިހުތިޖާޖު ކުރަމުންދާއިރު އެމްޑީޕީން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ 49 މެންބަރަކު ސޮއިކޮށް ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ މިމަހުގެ 9 ވަނަ ދުވަހުއެވެ. އޭގެ ފަހުން އެ މައްސަލައިގައި ރައީސް ނަޝީދަށް އަރުވަންޖެހޭ 14 ދުވަހުގެ ނޯޓިސްވެސް މަޖިލީހުން ވަނީ ދީފައެވެ. މަޖިލީހުގެ ގަވައިދު ބުނަނީ ނޯޓިސް އަރުވާތާ 14 ދުވަސް ފަހުން މައްސަލަ އެޖެންޑާ ކުރަންޖެހޭނެ ކަމަށެވެ.