Last Updated: May 8, 20:49
Thursday, May 8, 2025
ޚަބަރު

ނަޝީދުގެ ވަކިކުރުމުގެ މައްސަލަ ސުޕްރީމް ކޯޓަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ ކުރިއަށް ނުގެންދެވޭތީ އެމައްސަލަ އެމްޑީޕީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

މި މައްސަލައާ ގުޅިގެން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ދުސްތޫރީ މައްސަލައެކެވެ.

އެމްޑީޕީން ހުށަހަޅާފައިވާ މައްސަލައިގައި އެދިފައިވަނީ މަޖިލީހުގެ ރައީސް ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި މަޖިލީހުުގެ ނައިބު ރައީސަށް ކަމަށް ބަލައިގެން ޖަލްސާ ކެންސަލް ކުރީ ޤާނޫނުއަސާސީއާއި މަޖިލީހުގެ ގަވައިދާއި ހިލާފަށްކަމަށް ކަނޑައަޅައި ދިނުމަށެވެ.

ދުސްތޫރީ މައްސަލައިގައި އެމްޑީޕީން އެދިފައިވަނީ ރައީސް ވަކިކުރުމުގެ މައްސަލައަށް ނައިބު ރައީސަށް ހާޒިރު ނުވެވޭ ހާލަތުގައި މަޖިލީހުގެ ގަވާއިދުގައި ވާ ގޮތުގެ މަތީން ރިޔާސަތު ބަލަހައްޓާނޭ މީހަކު ކަނޑައަޅައި، ރައީސް މަގާމުން ވަކިކުރުމުގެ ޖަލްސާ ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ރައީސް ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ އެޖެންޑާކުރި ނަމަވެސް އެ ޖަލްސާ ކުރިއަށް ގެންދެވިފައި ނުވަނީ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ މަޖިލީހަށް ސަލާން ފޮނުވާފައި އޮތުމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ 49 މެންބަރަކު ސޮއިކޮށް ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ މިމަހުގެ 9 ވަނަ ދުވަހުއެވެ. އޭގެ ފަހުން އެ މައްސަލައިގައި ރައީސް ނަޝީދަށް އަރުވަންޖެހޭ 14 ދުވަހުގެ ނޯޓިސްވެސް މަޖިލީހުން ވަނީ ދީފައެވެ. މަޖިލީހުގެ ގަވައިދު ބުނަނީ ނޯޓިސް އަރުވާތާ 14 ދުވަސް ފަހުން މައްސަލަ އެޖެންޑާ ކުރަންޖެހޭނެ ކަމަށެވެ.