Last Updated: May 7, 21:21
Wednesday, May 7, 2025
ޚަބަރު

އެމްޑީޕީ މެންބަރުންގެ މައްސަލަ ބަލަން ގޮވާލައިފި

އެމްޑީޕީގެ މަޖިލިސް މެންބަރުން މިއަދު މަޖިލީހުގެ ތަޅުމުގައި ހިންގި އަމަލުތަކުގައި ޖިނާއީ ކުށެއް އެކުލެވޭނަމަ އެކަން ބަލައިދިނުމަށް ދަ ޑިމޮކްރެޓްސްއިން ގޮވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކޮށްފައި އޮތްއިރު، އެ ޖަލްސާ ކުރިއަށް ނުގެންދެވުމުން އެމްޑީޕީގެ މެންބަރުން ވަނީ މަޖިލީހުގެ އިދާރީ މޭޒުކައިރިއަށް އެއްވެ އިދާރީ މުވައްޒަފުން ބޭނުންކުރައްވާ ތަކެއްޗަށް އަތްލާ ހަމަނުޖެހުން ހިންގާފައެވެ.

އެކަމާ ގުޅިގެން ޑިމޮކްރެޓްސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމްޑީޕީގެ މެންބަރުން މިއަދު މަޖިލީހުގެ އިދާރީ މުވައްޒަފުންނާ ކުރިމަތިލައި ދިމާކޮށް އެ ބޭފުޅުންގެ ތެރެއިން ކައުންސެލް ޖެނެރަލް އަލްއުސްތާޛާ ފާތިމަތު ފިލްޒާ ބޭނުންކުރައްވާ ކޮމްޕިއުޓަރ ސިސްޓަމް ވައްޓާލާ މޯބައިލް ފޯނަށާއި އަތްދަބަހަށް އަމާޒުކޮށް ފެންޖަހައި، އެތަކެއްޗަށް ގެންލުންދީފައިވާތީ، އެކަން ކުށްވެރިކުރާ ކަމަށެވެ.

ޑިމޮކްރެޓްސްއިން ބުނެފައިވަނީ އެމްޑީޕީގެ މެންބަރުން އިދާރީ މޭޒު ކައިރިއަށް އެއްވެ، އެ މުވައްޒަފުންނާ ދިމާކޮށް ހަޑިހުތުރު އެއްޗެތިގޮވާ، އެބޭފުޅުންގެ ތަކެއްޗަށް ގެއްލުންދީފައިވާ ކަމަށެވެ.

"އަދި މަރަދޫ ދާއިރާގެ އެމްޑިޕީގެ މެންބަރު އިބްރާޙިމް ޝަރީފް، ރިޔާސަތުގެ ސަރަހައްދަށް ވަންނަވައި ރިޔާސަތުގެ ގޮނޑިކޮޅުގައި އިށީންނަވައި ގަވާއިދާ ޚިލާފުވެވަޑައިގެންފައި ވެއެވެ." ޑިމޮކްރެޓްސްގެ ބަޔާނުގައިވެއެވެ.

ޑިމޮކްރެޓްސްއިން ގޮވާލާފައިވަނީ އެމްޑީޕީގެ މެންބަރުން މިއަދު މަޖިލީހުގެ ތަޅުމުގައި ހިންގި އަމަލުތަކުގައި ޖިނާއީ ކުށެއް އެކުލެވޭނަމަ އެކަން ބަލައިދިނުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ 49 މެންބަރަކު ސޮއިކޮށް ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ މިމަހުގެ 9 ވަނަ ދުވަހުއެވެ. އޭގެ ފަހުން އެ މައްސަލައިގައި ރައީސް ނަޝީދަށް އަރުވަންޖެހޭ 14 ދުވަހުގެ ނޯޓިސްވެސް މަޖިލީހުން ވަނީ ދީފައެވެ. މަޖިލީހުގެ ގަވައިދު ބުނަނީ ނޯޓިސް އަރުވާތާ 14 ދުވަސް ފަހުން މައްސަލަ އެޖެންޑާ ކުރަންޖެހޭނެ ކަމަށެވެ.

އެ ޖަލްސާ މިއަދު ބޭއްވުމަށް މަސައްކަތް ކުރިނަމަވެސް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ޑެންގޫ ހުން ޖެހިވަޑައިގެން އާލަސްކަންފުޅާ އުޅުއްވާތީ މިއަދުގެ ޖަލްސާ ބޭއްވިފައެއް ނުވެއެވެ. މަޖިލީހުގެ ގަވައިދުގައި ބުނަނީ މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދަވަން ވާނީ މަޖިލީހުގެ ނައިބު ރައީސް ކަމަށެވެ.