Last Updated: July 24, 05:25
Friday, July 24, 2026
މުނިފޫހިފިލުވުން

ކަންގަނާގެ "ތޭޖާސް" ބަލާނެ ބަޔަކު ނުވޭ!

މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ބަތަލާ ކަންގަނާގެ ރަނާވަތުގެ ފިލްމު "ތޭޖާސް" ގެ ފޯރި ސިނަމާތަކުގައި ވަރަށް ކުޑަކަމަށާއި ފިލްމަށް ޖެހިފައި އޮތް ހާލަކީ އެ ބަލާނެ ބަޔަކުވޭތޯ ބެލުން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ފިލްމަކީ އިންޑިއާގެ ވައިގެ އަސްކަރީ އޮފިސަރެއްގެ ރޯލު ކަންގަނާ ކުޅުނު ވަތަނީ ފިލްމެކެވެ. އުންމީދުކުރި ވަރަށް ވުރެ މާ ބޮޑަށް ވެސް މި ފިލްމު ވައިވެފައިވާ އިރު، ކަންގަނާ މިއަދު ސޯޝަލް މީޑިއާގައި ޕޯސްޓްކުރި ވީޑިއޯ މެސެޖެއްގައި ސިނަމާތަކަށް ގޮސް އާންމުން ފިލްމު ބެލުމަށް އެދިފައިވެ އެވެ.

އޭނަ ބުނި ގޮތުގައި ކޮވިޑާ ވިދިގެން ސިނަމާތަކުގެ ވިޔަފާރި ވަރަށް ބޮޑަށް ދަށްވެފައި ވަނިކޮށް، އެކަން ރަނގަޅުވާން ފަށާފައި މި އޮތް ދަނޑިވަޅުގައި ސިނަމާތަކަށް އޮތް އެންމެ ބޮޑު އުންމީދަކީ އާންމުން، ސިނަމާތަކަށް ވަދެ ފިލްމު ބެލުމެވެ. ނަމަވެސް "ތޭޖާސް" އަށް ބެލުންތެރިންގެ ފަރާތުން ލިބެމުން ދަނީ ވަރަށް ވެސް ފިނު ތަރުހީބެކެވެ.

ފިލްމީ ވިޔަފާރި ދިރާސާކުރާ ފަރާތްތަކުން މިހާރު ވެސް ވަނީ މި ފިލްމަކީ "ބޮޑު ފްލޮޕެއް" ކަމަށް ނިންމައިފަ އެވެ. ޖުމްލަ 60 ކްރޯޑް ރުޕީސް (18 މިލިއަން ޑޮލަރު) ގެ ބަޖެޓަކުިން ހެދި ފިލްމަށް އިއްޔެއާ ހަމައަށް ލިބުނީ އެންމެ 2.83 ކްރޯޑް ރުޕީސް އެވެ.

ފިލްމު ރިލީޒްކުރުމާ އެކީ އާންމުކުރި ގިނަ ރިވިއުތަކުގައި ވެސް ވަތަނީ ފިލްމެއްގައި ހުންނަން ޖެހޭ ރޫހާއި ޖޯޝާއި ފޯރި ފިލްމުގައި ވަރަށް ކުޑަ ކަމަށާއި ފިލްމުގެ ސްކްރީންޕްލޭގައި ވެސް މާ ހާއްސަ، ޝައުގުވެރި ކަންތައްތަކެއް ނެތް ކަމަށް ބުނެފައިވެ އެވެ. "ތޭޖާސް" އަކީ ވަރަށް ކާމިޔާބު ވަނަތީ ފިލްމެއް ކަމަށްވާ 2019 ގެ "އުރީ: ދަ ސާޖިކަލް ސްޓްރައިކް" ގެނެސްދިން ރޯނީ ސްކްރޫވާލާ ޕްރޮޑިއުސްކުރި ފިލްމެކެވެ. ކަންގަނާގެ ފިލްމުގެ ޑައިރެކްރަޓަކީ ސަރްވެޝް މެވާރާ އެވެ.

"ތޭޖާސް" އެއް ދުވަހެއްގައި ރިލީޒްކުރި ކުޅަދާނަ ޑައިރެކްޓަރު ވިދޫ ވިނޯދު ޗޯޕްޅާގެ "ޓްވެލްތު ފެއިލް" ގެ ފުރަތަމަ ދެ ދުވަހުގެ ފޯރި ސިނަމާތަކުގައި ކުޑަ ނަމަވެސް އޭގެ ވިޔަފާރި ރަނގަޅުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ވިކްރާންތު މަސީ ލީޑް ކުޅުނު ފިލްމަށް އިއްޔެއާ ހަމައަށް ލިބިފައި ވަނީ 3.6 ކްރޯޑް ރުޕީސް އެވެ.

"ތޭޖާސް" ވައިވެފައިވާ އިރު، މި ފަހުން ރިލީޒްކުރި ކަންގަނާގެ ހުރިހާ ފިލްމުތަކެއްގެ ވިޔަފާރި ވެސް އެވްރެޖްކޮށް ދަށެވެ. އޭގެ ތެރޭގައި މިދިޔަ މަހު ރިލީޒްކުރި "ޗަންދުރަމުކީ 2" އާއި މިދިޔަ އަހަރުގެ "ދާކަޅް" އަދި 2021 ގެ "ތަލައިވީ" އަކީ ވެސް ބެލުންތެރިން ބަލައިގަތް ފިލްމުތަނެއް ނޫނެވެ.

ހަތަރު ނެޝަނަލް އެވޯޑް ހޯދާފައިވާ ބަތަލާ ދެން ފެންނާނީ އޭނަ ޑައިރެކްޓްކޮށް، ކުޅުނު "އިމަޖެންސީ" އިންނެވެ. އެ ފިލްމު ރިލީޒްކުރާނީ އަންނަ އަހަރު އެވެ.