Last Updated: July 23, 13:11
Thursday, July 23, 2026
ޚަބަރު

ވީއައިއޭގެ މަސައްކަތް އަވަސް ކުރަން ކޮމިޓީއެއް އެކުލަވާލަނީ

ރާއްޖޭގެ މައި އެއާޕޯޓް ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ކުރިއަށްދާ މަސައްކަތްތައް އަވަސް ކުރުމަށްޓަކައި ރައީސް އޮފީހުގައި ވަކި ކޮމިޓީއެއް އެކުލަވައިލާނެ ކަމަށާއި، އެ ކޮމިޓީގެ ޗެއާއަކަށް ހުންނަވާނީ އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް އެ މަނިކުފާނު ރޭ ވިދާޅުވެއްޖެ އެވެ.

ވިޔަފާރިވެރިންނާ ރޭ ބައްދަލުކުރައްވައި އިންތިހާބީ ރައީސް ވިދާޅުވީ، އެ ކޮމިޓީގައި ކަމާ ބެހޭ ހުރިހާ އިސްވެރިންނާއި ސްޓޭކް ހޯލްޑަރުން ތިއްބަވާނެ ކަމަށެވެ. އެގޮތުން ކޮމިޓީން ކޮންމެ ދުވަހަކު ވީއައިއޭގެ މަސައްކަތް ބަލައި އެ ކަމަށް ނަގަން ޖެހޭ ފިޔަވަޅުތައް ވަގުތުން ނެގޭނެ އިންތިޒާމެއް ހަމަޖައްސަވާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ވަރަށް ކާމިޔާބުކަމާ އެކު ނިންމިފައި މިއޮތް ބްރިޖްގެ މަސައްކަތް ކުރިއަށް ގެންދިޔަ ބައްޓަމަށް ބައްޓަންކޮށް އިރާދަކުރެއްވިއްޔާ މި މަޝްރޫއު މި ދެންނެވި ތާރީޚަށް ނިންމާނަން އަޅުގަނޑުމެން." މުއިއްޒު ވިދާޅުވި އެވެ.

މާލޭގެ މޭޔަރުކަމުގައު ހުންވައިގެން ރިޔާސީ އިންތިހާބަށް ވާދަކުރެއްވި ކުރީގެ ހައުސިން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އިގުތިސާދު އެ ދާއިރާއަކަށް ބަރޯސާ ޓޫރިޒަމް ދާއިރާގެ ކުރިއެރުމާ ވެސް ވަރަށް ބޮޑަށް ގުޅިފައި އޮތް ތަނަކަށްވާތީ 2025 ގެ ޖުލައިގައި ވީއައިއޭ ނިމެންދެން މަޑުކޮށްގެން ތިބެވެން ނެތް ކަމަށެވެ.

"އަޅުގަނޑުމެންގެ އިގްތިޞާދު މިއޮތީ ވަރަށް ބޮޑު ހީނަރުކަމެއްގެ ތެރެއަށް ވެއްޓިފައި. ވަރަށް ބޮޑު އަނދަވަޅުގަނޑެއްގައި،: މުއިއްޒު ވިދާޅުވި އެވެ. "އެހެންވީމަ އަޅުގަނޑުމެން ބޭނުންވަނީ މިކަން އަވަސް ކުރަން. އެންމެ ލަސް ވެގެން އަންނަ އަހަރުގެ ސެޕްޓެމްބަރު މަހަށް."

އެ މަނިކުފާނު ވިދާޅުވީ ވީއައިއޭގެ މަސައްކަތް އަވަސް ކުރުމަށްޓަކައި ވެރިކަމާ ހަވާލުވުމުގެ ކުރިއަށް މި އޮތް ދުވަސްކޮޅު އަމިއްފުޅަށް ވީއައޭގެ މަސައްކަތް ކުރިއަށް ދާ ގޮތް ބައްލަވާލައްވަން ވެސް ބޭނުންވެ ވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރަނީ އެ މަސައްކަތުގައި އަޅުގަނޑުމެންނަށް އަވަސް ކުރެވޭނެ އެތައް ކަމެއް ހުންނާނެކަން. އެއްފަހަރާ ކުރެވޭނެ އެތައް ކަމެއް ހުންނާނެ ކަން." މުއިއްޒު ވިދާޅުވިއެވެ.

ވީއައިއޭ ތަރައްގީ ކުރަން ހިންގާ އެންމެ ބިޔަ މަޝްރޫއު ތެރޭގައި ހިމެނޭ އާ ޓާމިނަލްގެ މަސައްކަތަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައިސައުދީގެ ބިންލާދިން ގްރޫޕާ ހަވާލުކުރި މަސައްކަތެކެވެ. އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ ގާތްގަނޑަކަށް 5.3 ބިލިއަން ދިވެހި ރުފިޔާއަށެވެ.

މުއިއްޒުގެ އަމާޒަކީ އަންނަ އަހަރުގެ ސެޕްޓެމްބަރަށް އެއާޕޯޓް މަޝްރޫއު އެއްކޮށް ނިންމުމެވެ.