Last Updated: July 17, 18:07
Saturday, July 18, 2026
ދުނިޔެ

އދ. އޮތީ ވާވެފައި، ޒިންމާ އަދާނުކުރެވޭ

އިޒްރޭލާއި ހަމާސް ޖަމާއަތުން ކުރަމުންދާ ހަނގުރާމަ ހުއްޓުވުމުގައި އދ. ގެ ސެކިއުރިޓީ ކައުންސިލް އޮތީ ވާވެފައި ކަމަށް ފަލަސްތީނުން ބުނެފި އެވެ.

ފަލަސްތީނުން ކަނޑައަޅާފައި ހުންނަ އދ.ގެ ސަފީރު ރިޔާދު މަންސޫރު ވިދާޅުވީ އދ. ގެ ސެކިއުރިޓީ ކައުންސިލް އޮތީ އެއްކޮށް ވާވެފައި ކަމަށާއި ހަނގުރާމަ ހުއްޓުވުމުގައި އެ ކައުންސިލަށް ޒިންމާ އޭގެ އެންމެ ރަނގަޅު ގޮތުގައި އަދާނުކުރެވޭ ކަމަށެވެ. އަދި ހަނގުރާމަ ހުއްޓާލުމާއި ފަލަސްތީނުގެ ގާޒާ އަށް އިންސާނީ އެހީ ފޯރުކޮށްދޭން ގޮވާލާ އދ. ގެ އާންމު މަޖިލީހުން ފާސްކުރި ގަރާރު ސެކިއުރިޓީ ކައުންސިލަށް ހުށަހަޅުއްވާނެ ކަމަށްވެސް މަންސޫރު ވިދާޅުވި އެވެ.

ފަލަސްތީނުން މިހެން ބުނެފައިވާއިރު ހަނގުރާމަ ހުއްޓާލުމަށް އެދި ރަޝިއާއިން އދ. ގެ ސެކިއުރިޓީ ކައުންސިލަށް ދާދިފަހުން ހުށަހެޅި ގަރާރުތަކެއް ވަނީ ބޭރުކޮށްލާފަ އެވެ.

އިޒްރޭލާއި ހަމާސް ޖަމާއަތުން ކުރަމުންދާ ހަނގުރާމަ ހުއްޓާލަން ދުނިޔޭގެ ގިނަ ގައުމުތަކަކުން ގޮވާލަމުންދާއިރު އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލާތައް ފާއިތުވި ދުވަސްތަކުގައި ވަނީ އިތުރަށް ވަރުގަދަކޮށްފަ އެވެ. އެގޮތުން ގާޒާ އަށް ހުއްޓުމެއް ނެތި ދިން ހަމަލާތަކުގެ ސަބަބުން ގާޒާ އިން ވަނީ އިންޓަނެޓާއި ފޯނުގެ ހިދުމަތް ވެސް މިހާރު ކެނޑިފަ އެވެ.

މި މަހުގެ 7 އިން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް ވަނީ 8،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފަ އެވެ.